Friday, May 31, 2024

ނުކުޅެދޭ ދަރިފުޅު ކިނބޫ އުޅޭ ކޯރަކަށް އެއްލާލައިފި

މަސްދަރު

 

ދެކުނު އިންޑިއާގެ ސަރަހައްދެއްގައި ދިރިއުޅޭ އަންހެނަކު އޭނާގެ އުމުރުން ހަ އަހަރުގެ ނުކެޅެދޭ ފިރިހެން ދަރިފުޅު ކިނބޫ އުޅޭ މަސްނޫއީ ކޯރަކަށް އެއްލާލައިފިއެވެ.

 

އެ ކުއްޖާގެ ފުރާނަ ނެތް ހަށިގަނޑު އާދީއްތަ ދުވަހު ފެނުނީ ކިނބުލެއްގެ އަނގައިގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ. އަދި ހަށިގަނޑު އެކި ބައިބަޔަށް ބުރިކޮށްލާފައިވާއިރު ކުއްޖާގެ އެއް އަތް ވެސް ނެތް ކަމަށް ފުލުހުން ބުންޏެވެ.

 

"އެ ކުއްޖާއަކީ އަޑުއިވުމާއި ވާހަކަ ދެއްކުމުން މަހްރޫމްވެފައިވާ ކުއްޖެއް،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ.

 

ފުލުހުން ބުނީ މި ކުއްޖާގެ މަންމަ، އުމުރުން 32 އަހަރުގެ ސާވިތުރީ އާއި އޭނާގެ ފިރިމީހާ، އުމުރުން 36 އަހަރުގެ ރަވީ ކުމާރު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

 

"ކިނބޫ އުޅޭ ކޯރަށް ދަރިފުޅު އެއްލައިލީ ސާވިތުރީގެ ފިރިމީހާއާ ހިނގި ޒުވާބަކަށް ފަހު،" ފުލުހުން ބުންޏެވެ.

 

ފުލުހުން ބުނީ ދަރިފުޅު ކިނބޫ އުޅޭ ކޯރަށް އެއްލައިލީ އެ ގޮތަށް ރަވީ މަޖުބޫރު ކުރުވީމާ ކަމަށް ސާވިތުރީ ބުނި ކަމަށެވެ.

 

ކަރްނަޓަކާ ސްޓޭޓްގައި ދިރިއުޅޭ ރަވީ ކުމާރު ދެކެނީ އެ ދެމަފިރިންގެ ނުކުޅެދޭ ދަރިފުޅަކީ އެ ކުއްޖާގެ ކިބައިން އެއްވެސް ފައިދާއެއް ނުލިބޭ، ހަމައެކަނި ކާންދޭން ޖެހޭ އިތުރު ބޮލެއްގެ ގޮތުގައި ކަމަށް ސާވިތުރީ ބުންޏެވެ. މި ކަމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި ވަރަށް ގިނައިން ޒުވާބު ހިނގައެވެ.

 

"ހޮނިހިރު ދުވަހުގެ ރޭ ހިނގި ޒުވާބަކަށް ފަހު ނުވައެއް ޖަހާ އެހާކަންހާއިރު ކާލީ ނަމަކަށް ކިޔާ ކޯރަކަށް ސާވިތުރީ އޭނާގެ ދަރިފުޅު އެއްލާލި،" ފުލުހުންގެ އިންސްޕެކްޓަރު ކްރިޝްނާ ބަރަކަރީ ވިދާޅުވިއެވެ.

 

ސާވިތުރީ ފުލުހުންގެ ގާތުގައި ބުނީ ރަވީ އޭނާއަށް "ނަފުސާނީ އަނިޔާ" ކުރާ ކަމަށާއި މިހެންވެ ދަރިފުޅުގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ރަވީ ކަމަށެވެ.

 

"ދަރިފުޅު މަރުވާން ދޫކޮށްލާށޭ ރަވީ އަބަދުވެސް ބުނޭ. ދަރިފުޅު ކުރާ ހަމައެކަނީ ކަމަކީ ގޭގައި އިނދެ ކެއުން ކަމަށް ވެސް ރަވީ ބުނޭ،" ސާވިތުރީ ބުންޏެވެ.

 

އޭނާ ބުނީ ދަރިފުޅުގެ ހާލައިގެން ދަރިފުޅު އުޅެން ދޫކޮށްލުމަށް ރަވީ ގާތުގައި އެދޭ ކަމަށެވެ.

 

"އެހާ ގިނައިން ރަވީ އެހެން ބުނަމުންދާއިރު، އޭގެން ދަރިފުޅަށް ކުރާނީ ކިހާ ބޮޑު އަސަރެއް؟ އަހަރެން ބަރުދާސްތު ކުރަމުން ދާ ވޭން ހިއްސާ ކުރާނީ ކާކުގެ ގާތުގައި؟" ސާވިތުރީ ފުލުހުންގެ ގާތުގައި ބުނި ކަމަށްވެއެވެ.

 

ދަރިފުޅު ކިނބޫ ކޯރަށް އެއްލާލިކަމުގެ ރިޕޯޓް ކުރީ އަވައްޓެރިން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަގުތުން ޑައިވަރުންގެ ޓީމެއް ފޮނުވި ކަމަށް ވިޔަސް ދަރިފުޅު ހޯދުމުގެ މަސައްކަތް އަނެއް ދުވަހަށް ފަސްކޮށްލީ އެ ދުވަހުގެ އިރުއޮއްސިފާވާތީ އަނދިރި ކަމުން ކަމަށްވެއެވެ.

 

އަނެއް ދުވަހު ދަރިފުޅު ފެނުނީ ކިނބުލުގެ އަނގަ ތެރެއިންނެވެ. ހަށިގަނޑުގައި އެތައް ފުން ޒަހަމްތަކެއް ވެއެވެ. އޭގެ ތެރޭގައި ދަތް އަޅާފައިވާކަމުގެ ނިޝާންތައް ވެސް ފެންނަން ހުއްޓެވެ.

 

ސާވިތުރީއަކީ ގެއެއްގައި މަސައްކަތް ކުރާ މެއިޑްއެކެވެ. ރަވީއަކީ ރާނާ މީހެކެވެ.

No comments:

Post a Comment