Friday, May 31, 2024

ކާޅަށް އަޑުލައްވައިގެން ގުނަން އެނގޭ

މަސްދަރު

 

ކާޅުގެ ހުނަރުތައް ފެންނަ އެތައް ވީޑިއޯއެއް ޔޫޓިއުބްގައިވެއެވެ. އޭގެ ތެރޭގައި އަށް މަރުހަލާ ކަޑައްތު ކުރުމަށް ފަހު އެ ސޮރު ބޭނުންވާ ކާއެތިކޮޅު ހޯދާ ގޮތް ވެސް ފެނިގެންދާ ވީޑިއޯތައް އެބަހުއްޓެވެ. މި ފަހަރު މި އެނގިގެން ދިޔައީ ކާޅަށް ގުނަން އެނގުމުގެ އިތުރުން އެ ސޮރުގެ އަޑު ބޭނުންކޮށްގެން ގުނާކަމެވެ.

 

"ސައިންސް" މަޖައްލާއިން ރިޕޯޓްކުރީ ކާޅުގެ އާއިލާގައި ހިމެނޭ "ކޯވިޑްސް" ބާވަތުގެ ދޫނިތަކަކީ އުފެއްދުންތެރި އަދި ވިސްނުން ތޫނު ދޫނިތަކެއް ކަމެވެ. މި ފަހަރު ސައިންސްވެރިންނަށް އެނގިގެން ދިޔައީ ކާޅަށް ފެންނަ ގޮތަށް ނުވަތަ އަޑު އިވޭ ގޮތަށް އެއްޗެހިތަކެއްގެ އަދަދު ހުށަހެޅުމުން އެ ތަކެތި ގުނައި، ކާޅުގެ އަޑުން އެ އަދަދަށް ގުނާ އަޑުލައްވައި ކަމެވެ.

 

މާމުއި ކުޅަނދުރު ފަދަ ދިރޭ ތަކެއްޗަށް ތަކެތީގެ އަދަދު ދެނެގަނެވޭކަން މީގެ ކުރިން ވަނީ އެނގިފައެވެ. ނަމަވެސް އަދަދު ގުނައި، އެ އަދަދަށް އަޑުލައްވަން އެނގެނީ އިންސާނުން ފިޔަވާ ކާޅަށްކަން އެނގިގެން ދިޔަ މިއީ ފުރަތަމަ ފަހަރެވެ.

 

"އެކަކުން ހަތަރަކަށް އަޑު ލައްވައިގެން ގުނަން ކާޅަށް އެނގޭ. ކާޅާއި އިންސާނުން ފިޔަވާ އެހެން މަހުލޫގެއްގައި މި ހުނަރު ހުރި ކަމެއް އަދި ނޭނގޭ،" މި އާދަޔާ ހިލާފު ދިރާސާ ހެދި ޖަރުމަނުގެ ޓުބިންގެން ޔުނިވާސިޓީގެ ނާރުތަކާ ބެހޭ އިލްމްވެރިޔާ ޑަޔާނާ ލިއައޮ ވިދާޅުވިއެވެ.

 

ހިސާބު އަދަދު އެނގުމާއި އެ އަދަދަށް އަޑުލައްވައިގެން ގުނަން އެނގުމާ ތަފާތެއްވެއެވެ. އަޑުލައްވައިގެން ގުނުމަކީ މުވާސަލާތީ އުކުޅެކެވެ. ވާހަކަ ދައްކައިގެން ނަންބަރު ގުނުމަކީ އިންސާނުންގެ ދަރިންނަށް ޅަފަތުގައި ދަސްކޮށްދޭ ހުނަރެކެވެ. ބައެއް ފަހަރަށް އެ ބުނާ އަދަދުގެ ބަސްތައް ސީދާ ނޭނގުނަސް، އެ ކުދިންނަށް ހުށަހެޅޭ ތަކެތީގެ އަދަދަށް އެ ކުދިން އަޑުލައްވައެވެ. މިސާލަކަށް، ތިނެތި ދައްކާލުމުން، "އެކެއް، ދޭއް، ތިނެއް،" ސީދާ މިހެން ނުބުނެ، "އެކެއް، އެކެއް، ހަތަރެއް،" މިހެން ވެސް ބުނެފާނެއެވެ. ނަމަވެސް އެ ކުއްޖާ އަޑު ބޭނުން ކުރީ ތިން ފަހަރު ކަމުން ތިނެއް އަދަދެއްގެ ގޮތުން އެ ވަނީ އޭނާއަށް ފަހުމްވެފައެވެ.

 

ހިސާބު އިލްމް ބޭނުންކޮށްގެން ގުނަން އެނގެނީ ކިހިނެތް ކަމެއް މަހުލޫގުންގެ ހަށިގަނޑުގެ އިލްމް ނުވަތަ ބައިލޮޖީން އަދި ހޯދިފައެއް ނެތެވެ. ނަމަވެސް އެނގޭ ކަމަކީ ފަހުމް ވާން އުނދަގޫ "އަދަދެއް" ކަމަށްވާ ޒީރޯ ނުވަތަ ސުމަކީ ވެސް ކާޅު ދަންނަ އަދަދެއް ކަމެވެ.

 

"ފަހުމް ވާން އުނދަގޫ ހިސާބު އަދަދުތައް ދެނެގަންނަ މަހުލޫގުންގެ އެ ހުނަރު ދިރާސާ ކުރުމަށް ކާޅަކީ އެކަށީގެންވާ މަހުލޫގެއް،" ޑަޔާނާ ވިދާޅުވިއެވެ.

 

އޭނާ ވިދާޅުވީ ކާޅު ގުނާ ގޮތާއި ތުއްތު ކުދިން ގުނާ ގޮތާ އެއްގޮތް ކަމެއް ހުރި ކަމަށެވެ.

No comments:

Post a Comment