Friday, May 31, 2024

މަރުވި ބައްޕަގެ ބަދަލުގައި ލިބުނީ އެހެން މީހެއްގެ ހަށިގަނޑު

މަސްދަރު

 

ކެނެޑާއަށް ހިޖުރަކޮށްފައިވާ ސޫރިޔާގެ އާއިލާއަކަށް ވަރަށް ހިތާމަވެރި ކަމެއް ދިމާވެއްޖެއެވެ. އެ މީހުން ކިއުބާއަށް ޗުއްޓީއެއްގައި ހުއްޓާ ބައްޕަގެ ހިތް ހުއްޓިގެން މަރުވުމުން، ކަމާ ބެހޭ ފަރާތާ ބައްޕަގެ ހަށިގަނޑު ހަވާލު ކުރުމުން، ކެނެޑާއަށް ފޮނުވައިދިނީ މަރުވެފައިވާ ރަޝިޔާ މީހެއްގެ ހަށިގަނޑެވެ.

 

ކެނެޑާގެ ކެބެކް ސިޓީގައި ފަރާޖުﷲ ޖަރްޖޫރް ވަޅުލަން ހަމަޖައްސާފައި ވަނިކޮށް މި ކަން މިހެން ދިމާވުމުން ފަރާޖުގެ އަންހެން ދަރިފުޅު މަރިޔަމް މިހާރު ދަނީ ކަމާ ބެހޭ ހުރިހާ އިދާރާތަކާ ގުޅައި އީމޭލް ކުރަމުންނެވެ.

 

"އަދިވެސް އެއްވެސް ޖަވާބެއް ނުލިބޭ،" މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ބައްޕަގެ ޖަނާޒާއާ ބެހޭ ގޮތުން މަރިޔަމް ބުންޏެވެ.

 

އޭނާ ބުނީ ކިއުބާގެ ސަހަރެއް ކަމަށްވާ ވަރަޑެރޯގެ އައްސޭރިފަށުގައި ފަތާލަން ދިޔައީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ. އަދި އުމުރުން 68 އަހަރުގެ ބައްޕަ ހިތް ހުއްޓިގެން މަރުވުމުން ގޮނޑުދޮށުގައި ހުރި ގޮނޑިއެއްގައި ބާއްވާފައި ހަށިގަނޑު މަތީގައި ފޮތިގަނޑެއް އެޅި ކަމަށެވެ.

 

"ސިއްހީ އެހީ ދޭ އެއްވެސް ތަނެއް އެ ހިސާބުގައި ނެތް. ވެރިރަށް ހަވާނާއަށް ގެންދަން ކާރެއް އައީ ވެސް ބައްޕަ ނިޔާވިތާ އަށް ގަޑިއިރު ފަހުން،" މަރިޔަމް ކިޔައިދިނެވެ.

 

އޭގެ ފަހުން ވީ ގޮތެއް އަދިއަދަށްދާންދެން ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

 

މަރިޔަމް ބުނީ ކެނެޑާގެ އެމްބަސީން އޭނާއަށް ދިން އިރުޝާދުތަކާ އެއްގޮތަށް ކަންތައް ކުރި ކަމަށެވެ. އެ ގޮތުން ބައްޕަގެ ހަށިގަނޑު ކެނެޑާއަށް ގެންދިއުމަށް 7،300 ޑޮލަރު ވެސް ދިން ކަމަށެވެ.

 

"ނަމަވެސް ކެނެޑާއަށް ގެނައި ސަންދޯކުގައި އޮތީ ރަޝިޔާ މީހެއްގެ ހަށިގަނޑު. ބަލާބެލުމަށް މަރުވެފައިވާ ރަޝިޔާ މީހާ ވައްތަރީ ބައްޕައަށްވުރެ އެންމެ މަދުވެގެން ވިއްސަކަށް އަހަރު ޒުވާން މީހަކާ،" މަރިޔަމް ބުންޏެވެ.

 

މަރިޔަމް އިތުރަށް ބުނީ އޭނާގެ ބައްޕައާ ހިލާފަށް ރަޝިޔާގެ މީހާގެ ބޮލުގައި އިސްތަށި ހުރި ކަމަށާއި ރަޝިޔާ މީހާގެ ގައިގައި ޓެޓޫ ވެސް ޖަހާފައި ހުރި ކަމަށެވެ.

 

މަރިޔަމް ބުނީ ރަޝިޔާ މީހާގެ ހަށިގަނޑު ކެނެޑާ ސަރުކާރުން މިހާރު ރަޝިޔާއަށް ފޮނުވާލާފައިވާ ކަމަށެވެ.

 

ބައްޕަގެ ހަށިގަނޑު ކެނެޑާއަށް ފޮނުވާލުމުގައި އޮޅުންއެރީ މި ކަމާ ހަވާލުވި އަމިއްލަ ކުންފުންޏެއްގެ ސަބަބުން ކަމަށް ކެނެޑާ އެމްބަސީން ބުނި ކަމަށް މަރިޔަމް ބުންޏެވެ.

 

"އެއާ ވިދިގެން ސަރުކާރުގެ އެހެން އޮފިޝަލުންނަށް އަހަރެން މިދަނީ އީމޭލް ކުރަމުން. އަހަރެންގެ ދާއިރާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުގެ ގާތުގައި ވެސް މި ވާހަކަ ބުނެފިން. މެންބަރު ވިދާޅުވީ ކެނެޑާގެ ހާރިޖީ ވަޒީރު މެލަނީ ޖޯލީ އަށް ވެސް ދަންނަވާނެ ކަމަށް،" މަރިޔަމް ކިޔައިދިނެވެ.

 

އޭނާ ބުނީ އަދިވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށާއި އާއިލާއިން ތިބީ ޖަވާބަކަށް މަޑުކޮށްގެން ކަމަށާއި މި ކަމާ ބެހޭ ގޮތުން އިތުރަށް ދައްކާނެ ވާހަކައެއް ނޭނގޭ ކަމަށެވެ.

 

"އަހަރެންގެ ބައްޕައަކީ ވަރަށް ހަރަކާތްތެރިކޮށް އުޅުނު މީހެއް. ދުންފަތުގެ އިސްތިއުމާލެއް ނުކުރޭ. ބަނގުރަލެއް ނުބޮއެ. އަބަދުވެސް ހުންނާނީ ހިނިތުންވެފައި،" މަރިޔަމް ބުންޏެވެ.

 

އޭނާ ބުނީ މި މައްސަލާގައި މަންމަ މިހާރު "ވަރުބަލިވެފައިވާ" ކަމަށާއި އޭނާގެ ކޮއްކޮ ވެސް ދަނީ ހިތާމަ ކުރަމުން ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ޖަވާބު ނުދޭ ތާނގައި ކޮންމެ އިދާރާއަކުން ވެސް އުޅެނީ މި ކަމުގެ ޒިންމާ ނުނަގާންވެގެން ކަމަށް މަރިޔަމް ބުންޏެވެ.

 

އޭނާ ބުނީ ބައްޕަގެ ޖަނާޒާގެ ކަންތައްތަކަށް މިހާތަނަށް 29،000 ޑޮލަރު ހޭދަ ވެއްޖެ ކަމަށެވެ.

 

ކެނެޑާގެ ހާރިޖީ ދާއިރާގެ ޑިޕްލޮމެޓިކް ކަންތައްތައް ބަލަހައްޓާ ގްލޯބަލް އެފެއާޒް ކެނެޑާއިން ބުނީ މި މައްސަލަ ހައްލު ކުރުމަށް ކިއުބާގެ ކަމާ ބެހޭ ފަރާތްތަކާއި މަރިޔަމްގެ އާއިލާއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް މަރިޔަމް ބުނީ އޭނާ ބޭނުންވާ ކަހަލަ ޖަވާބެއް ލިބޭ ކަމުގެ އިހުސާސެއް ނުކުރެވޭ ކަމަށާއި ކިއުބާގެ ކަމާ ބެހޭ ފަރާތްތަކާ ޖޯލީ ސީދާ ގުޅުއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

 

"އަހަރެން ބޭނުން ވަނީ އަހަރެންގެ ބައްޕަގެ ހަށިގަނޑު ހޯދައިދިނުމަށް އަހަރެންނަށް އެހީ ވެދޭނެ މީހެއް،" މަރިޔަމް ބުންޏެވެ.

No comments:

Post a Comment