ލިޔުނީ: ނައިމް އިބްރާހިމް (ނައިމްބެ)
ބޮޑުތަކުރުފާނު ބާރަށުގައި ޖެއްސެވި ކަޑައިން ހެދުނު
ކަމަށް ބުނާ ކާނި ގަހުގައި ބަޔަކު ހުޅުޖަހައިފިއެވެ. ހިނދުކޮޅެއްގެ ތެރޭގައި 400 ސަތޭކަ
އަހަރުވީ އާސާރެއް އަންދާ އަޅިއަށް ހަދާލައިފިއެވެ. ސިހުރު ހާހޫރަ އާއި ޚުރާފާތުގެ
ކަންކަން ރަށުގައި ހުއްޓުވަން ކުރިކަމެކޭ ވެސް ކިޔެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ފެނުނީ ރާއްޖޭގައި ހުރި
އެންމެ ދުވަސްވީ ގަބުރުސްތާނު އަދި ދުނިޔޭގެ ހަނދާނީ ބިނާތަކުގެ ލިސްޓުގައި ހިމެނޭ
އައްޑޫ ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތައް ބަޔަކު ތަޅާލާފައި ހުރިތަނެވެ. މީދޫގައި
ހުންނަ އެ ގަބުރުސްތާނަކީ މީގެ 900 އަހަރު ކުރިން އެ ރަށުގައި ފުރަތަމަ އިސްލާމްދީން
ގަބޫލުކޮށްގެން ތިބި މުސްލިމުން ވަޅުލާފައިވާ ތަނެއް ކަމަށް ބުނެވެއެވެ. އެތައް ގަރުނެއްގެ
އާސާރު ހިނދުކޮޅެއްގެ ތެރޭ ފުނޑުފުނޑު ކޮށްލީއެވެ. ބޮޑު ބިދުޢައެއް ނައްތާލަން ކުރިކަމެއް
ކަމުގައި ބުނެވެއެވެ.
2012
ވަނައަހަރު ދާރުލްއާސާރަށް ބަޔަކުވަދެގަނެ އެތާގައި
ހުރި ރާއްޖެ އިސްލާމްވުމުގެ ކުރީގެ އާސާރުތައް ކޯރާޑިންތަޅާ މުގުރާލިއެވެ. ހިނދު ކޮޅެއްގެ
ތެރޭގައި 1000އަހަރު ވެފައި ހުރި އާސާރުތައް ފަނާކޮށްލިއެވެ. ތައުހީދުގެ ކަލިމަފުޅު
މަތިވެރިކުރަން ކުރިކަމެއް ކަމުގައި ބުނެވެއެވެ. އެކަން ކުރިބަޔަކަށް މުއްލާ އުމަރުގެ
އަމުރަށް އަފްޣާނިސްތާނުގެ ބާމިޔާން ގައި ހުރި ހަވަނަ ޤަރްނުގެ ބުދުތައް މުގުރާލުމަށް
ތާލިބާނުން ދެއްކި ދަލީލާއި ހުއްޖަތު އެއީ ހަމަ ވަރަށް ހަމަޖެހޭ ވާހަކައެކެވެ.
މީދިޔަ ފެބްރުއަރީމަހު އަހަރެން ދާރުލްއާސާރަށް ދިޔައިމެވެ.
ރާއްޖެ އިސްލާމް ވުމުގެ ކުރީގެ އާސާރުތަކުން އެއްވެސް އެއްޗެއް ފެނޭތޯ ސުވާލު ކުރީމެވެ.
އެވަގުތު ތިބި އެއްވެސް މުއައްޒަފަކަށް އެކަމާބެހޭ ޚަބަރެއް ލިބިފައެއް ނެތެވެ. ރާއްޖެ
އިސްލާމް ވުމުގެ ކުރީގެ އާސާރަކަށް ހަމައެކަނި އޮތީ ‘ލަންދޫ ކޮރަލް ސްޓޯން’ އެވެ. ދެން
އޮތީ ރާއްޖޭ އިސްލާމްވުމުގެ ސާޅީހަކަށް އަހަރުފަހުން 1194މ ގައި ދިނެއި ކަލަމިންޖާގެ
ޒަމާނުގައި ލިޔުނު 4 ލޯމާފާނެކެވެ.
އެންމެންކަހަލަ ގޮތަކަށް މަތި މައްޗަށް ޑިގުރީ ހަދައި މުޅިދުނިޔޭގެ އާޖުފާޖު އިނގި ފެނި ލޯހުޅުވިފައި ތިބި މިރާއްޖޭގެ މީހުންގެ ވިސްނުން ކިރިޔާ ލިޔަން ކިޔަން ދަންނަމީހުންގެ ނިސްބަތް 38% ގައި ހުރި އަފްޣާނިސްތާނާއި އެއް ހިސާބުގައި ހުރީކީއްވެ ބާވައެވެ؟ އަހަރެމެން ފޮތުންކިޔައި ދަސްވެނިވީ ކޯޗެއްބާވައެވެ؟
No comments:
Post a Comment