Thursday, September 07, 2023

އީވާގެ ވާހަކައިން މަށަށް ނެގުނު މާނަ އަކީ ވޯޓު ލުމުގެ ބޭނުމެއް ނެތްކަން


@sukunplay Eva Zuvaanunnah: Votulevey Meehaa Heyo Nuvaane Votulaathi #maldives #vote #evaabdulla #trendingnow #fyp #dhivehiraajje #peoplesmajlis ♬ original sound - SukunPlay

ލިޔުނީ: އިސްމާއީލް ޚިލްޢަތު ރަޝީދު

 

ސުކުންޕްލޭގައި މިވާ އީވާގެ މި ތަގުރީރުގެ ދޮޅު މިނެޓް ބަލައިލުމުން، އެމްޑީޕީގެ ބައެއް މެންބަރުންނާ އެކްޓިވިސްޓުންނާއި ސަޕޯޓަރުން ކުރިން ދެއްކި ވާހަކައެއް ހަނދާންވިއެވެ. އެއީ މާލެ ސިޓީގެ މޭޔަރު ކަމަށް މުއިއްޒު ހޮވުނީ އަނަސް ހޮވަން އެމްޑީޕީގެ ފިކުރަށް ތާއީދު ކުރާ ފަރާތްތަކުން ވޯޓު ލާން ނުދިޔައިމަ ކަމަށެވެ.

 

ނަމަވެސް މި ކަން ގުޅެނީ ދިވެހި ރައްޔިތުންނަށް މިހާރު ފަހުމް ވެފައިވާ މައްސަލައެއްގެ މައްޗަށް ކަމަށް ފެނެއެވެ. އެއީ ދިވެހި ރާއްޖޭގެ ސިޔާސީ ދާއިރާގައި މިހާރު "ރަނގަޅު" އެކަކު ވެސް ނެތް ކަމަށާއި، މުޅިން ވެސް ތިބީ "ނުބައި" ކެންޑިޑޭޓުން ކަމަށް ބެލެވޭ ނަޒަރިއްޔާތެވެ. މިހެންވެ، މާދަން ނޫން އަނެއް ދުވަހު ބާއްވާ ރިއާސީ އިންތިހާބަށް ވެސް މި ހިޔާލު ވަނީ ހިޔަނި އެޅިފައެވެ. "ބޮޑު ނުބައި" ކަމެއްގެ ބަދަލުގައި "ކުޑަ ނުބައި" ކަމަކަށް ވޯޓު ދޭން ވީތޯއެވެ؟ "ބިގާ އީވަލް" އަށް ވޯޓު ނުދީ "ލެސާ އީވަލް" އަށް ވޯޓު ދޭންވީ ހެއްޔެވެ؟ ހުރިހާ ގޮތަކުން ތާހިރު މީހަކު މި އިންތިހާބަށް ކުރިމަތި ނުލީ ކީއްވެގެން ބާވައެވެ؟

 

މި ތަގުރީރުގައި އީވާ ބުނާ ގޮތަށް ވިސްނައިފި ނަމަ، އަނަސް އާއި މުއިއްޒުގެ ކުރިމަތިލުމުގައި، މުއިއްޒު އަށް ކާމިޔާބު ލިބުނީ، އެމްޑީޕީ ކޮޅުގައި ތިބި މީހުން ކައުންސިލް އިންތިހާބުގައި އަނަސް އަށް ވޯޓު ނުދޭން ވެގެން ވޯޓު ލާން ނުދިއުމުގެ ސަބަބުން މުއިއްޒު އަށް ކާމިޔާބު ލިބި، މާލެ ސިޓީގެ މޭޔަރު ކަމަށް އޭނާ އިންތިހާބު ވީ ކަމަށް އެމްޑީޕީގެ އެކްޓިވިސްޓުން ބުނާ ވާހަކަ އަށް ބާރު ލިބެއެވެ.

 

މި ތަގުރީރު ގައި އީވާ މި ބުނަނީ "މިހާރު ވަރަށް ބޮޑަށް އަޑު އިވޭ އެއް ވާހަކަ އެއީ ތިމަންނަ ވޯޓު ލާނެ މީހަކު ނެތް" ކަމަށާއި ނަމަވެސް އީވާގެ ހިޔާލު ގައި "ކޮންމެހެން ވެސް ވޯޓު ލާން" ޖެހޭ ކަމަށާއި، "ވޯޓު ނުލީމަ އޭގެ މާނަ އަކީ އަނެއް މީހާ އަށް 'ޑި ފެކްޓޯ'ކޮށް ވޯޓު އެ ލައިދެވުނީ" ކަމަށެވެ. އެހެންކަމުން "އަނެއް މީހާ އަތަށް ލިބެނިއްޔޭ ފަސް އަހަރަށް ދޫކޮށްލެވޭ ވަރަށް ބޮޑު ބާރެއް" ކަމަށެވެ.

 

"އެންމެ ބޭނުން ގޮތް ފަހަރެއްގައި ނުވެދާނެ. އެކަމު އެންމެ ބޭނުން ނުވާ ގޮތް އެނގޭނު. އެންމެ ބޭނުން ނުވާ ގޮތާ ދުރަށް ދާން ނަމަވެސް ވޯޓެއް ލާން ވާނެ،" އީވާ ބުނެއެވެ.

 

އޭނާ ބުނަނީ "ލެސާ އީވަލް" ދިވެހިން މާނަ ކުރަން މަސައްކަތް ކުރި ނަމަވެސް، އޭނާ އަކީ ސިޔާސީ މީހެއް ކަމަށް ވާތީ އެހެން ބުނާކަށް ބޭނުމެއް ނޫން ކަމަށާއި ސަބަބަކީ ސިޔާސީ މީހެއްގެ ހައިސިއްޔަތުން އެއީ "އީވަލް"އެއް ގޮތަކަށް އޭނާ ދެކެނީކީއެއް ނޫން ކަމަށާއި "އެކި މީހުންގެ ސިޔާސަތުތައް ތަފާތު ވާނެ" ކަމަށެވެ.

 

"އެހެންވީމާ އެންމެ ބޭނުންވާ އެއްޗެއް ނުދެވެންޏާ އެންމެ ބޭނުން ނުވާ އެތި ނުގެންނަން ނަމަވެސް ބައިވެރިވާން ވާނެ. އެހެން ނޫނިއްޔާ އެހެން ބައެއްގެ އަތަށް ވަރަށް ބޮޑަށް އެ ބާރު ދެވެނީ،" އީވާ ބުނެއެވެ.

 

"ވޯޓު ލެވޭ މީހާ ހެޔޮ ނުވާނެ ވޯޓު ލައްޗޭ،" މިއީ މި ނަޒަރުން ހޮނިހިރު ދުވަހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ މުހިންމު ކަން ފާހަގަ ކޮށް، އީވާ ދިން ވަރުގަދަ މެސެޖެވެ.

 

އީވާގެ މި ވާހަކާގައި އެންމެ ބޮޑަށް މަށަށް ފާހަގަ ކުރެވުނީ އޭނާ މި ދައްކާ "ލެސާ އީވަލް"ގެ މާނަ އާއި، ދިވެހި ރައްޔިތުން މި ދެކޭ "ކުޑަ ނުބައި" އާ ތަފާތު ކަމާއި އޭނާ އަށް މި ދެ ގޮތް ފަހުމް ނުވީ ކީއްވެގެން ބާވައެވެ.

 

ދިވެހި ރައްޔިތުން މިހާރު މާޔޫސް ވެފައި ވަނީ މުޅިން ވެސް "ކޮރަޕްޓް" އަދި ރަނގަޅު "ސުލޫކަ"ކާއި "ނަޒާހަތްތެރި" ކަމެއް ނެތް ސިޔާސީ ބަޔަކު ދިވެހި ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލައިގެން އުޅޭތިއްޔެވެ. އީވާ އެ ބުނާ އެ ކެންޑިޑޭޓުންގެ "ސިޔާސަތު"ތަކުގައި "ނުބައި" ކަމެއް ހުރެގެނެއް ނޫނެވެ. ސަބަބަކީ ރާއްޖޭގެ ވެރިކަމަށް ފައި ވިއްދާފައިވާ 8 ކެންޑިޑޭޓުންގެ "އެޖެންޑާ"ގައި ޖުމްލަ ގޮތެއްގައި "ވައުދު" ވެފައިވަނީ ހުރިހާ ރޮނގަކުން ރާއްޖެ ތަރައްގީ ކުރާނެ ކަމަށާއި ވީވަރަކުން ސަބްސިޑީ ދޭނެ ކަމަށާއި އަދި ހަމަ ވީވަރަކުން ހިލޭ ކަންތައްތައް ކޮށްދޭނެ ކަމަށެވެ.

 

މިހެންވެ، މި ހުރިހާ ކެންޑިޑޭޓުންނަކީ އެއްވެސް "ނުބައި ކަމެއް" ނެތް ސާފު ހުދު ފޮތިކޮޅެއް ފަދަ ބައެއް ކަމަށް ވަންޏާ، މީގެ ތެރެއިން ވަކި މީހަކަށް ވޯޓު ދިނުމުގެ މާނައެއް އެބައޮތް ހެއްޔެވެ؟ މި އިން ކޮންމެ މީހަކު ވެރިކަމަށް އަޔަސް، ކުރާނީ ދިވެހި ރާއްޖެ އަށާއި ދިވެހި ރައްޔިތުންގެ ފައިދާ އާއި ލާބަ އަށް ކުރަން ވައުދު ވެފައި މިވާ މެނިފެސްޓޯތަކުގައި ހިމެނޭ "ރަނގަޅު" ސިޔާސަތްތައް ނުވަތަ އީވާ މި ބުނާ "ޕޮލިސީ"ތައް ކަމަށް ވަންޏާ، ދެ ތިން ގަޑިއިރު ހޭދަކޮށް، ވޯޓު ފޮއްޓާ ހިސާބަށް ފޯރުމުގެ އިންތިޒާރާއި ތަކުލީފު ނެގުމުގެ ބަދަލުގައި، ހޮނިހިރު ކަހަލަ ބަންދު ދުވަހެއްގައި ގޭގައި އާއިލާއާއެކު އަރާމު ކޮށްލުމުން މާ ބޮޑު މާނަވީ އުފާވެރިކަމެއް ލިބޭނެ ނޫން ހެއްޔެވެ؟

 

No comments:

Post a Comment