Wednesday, August 23, 2023

ރިޔާސީ ވައުދުތައް ބިނާވާނީ ރައްޔިތުން އެދޭ ގޮތަށް

ލިޔުނީ: ނައީމް އިބްރާހިމް (ނައިމްބެ)

 

ސަރުކާރުން 30-50 ބިލިޔަންގެ ބިން ހިލޭދީފި. ވާދަވެރި ކެނޑިޑޭޓު ބިންތަކުގަ ބޭނުން ޑިޒައިނަކަށް ބޭނުން އުސްމިނަކަށް ގެ އަޅާދޭން ބުނެފި. ފުށިދިއްގަރުފަޅު ހިއްކައިގެން 11،000 ގޯއްޗާއި 26،000 ފްލެޓްދޭން ބުނެފި. 30،000 ފުލެޓުއަޅާ، ރާއްޖޭގަ އެއަރފޯސް އާއި ނޭވީ އުފައްދަން އަނެއް ކެނޑިޑޭޓު ބުނެފި. ލިބޭ އާމްދަނީއާ ނުބައްދަލު އެތައް ބިލިޔަން ޑޮލަރުން ނޫނީ ނުފުއްދޭ ވަރުގެ ވަރަށް ގިނަ ވައުދު ވެއްޖެ.

ހަގީގަތުގައި މިރާއްޖޭގަ މިއޮތީކީ ސިޔާސީ މީހުނާ ކެނޑިޑޭޓުންގެ މައްސަލައެއްނޫން. ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދި މިސްރާބު މިހިރީ ހަމަ ރައްޔިތުން ބޭނުންވާ ގޮތަށް. ސިޔާސަތުތައް އުފަންވެ، ނިއުޅެމުން މިދަނީ ހަމަ ރައްޔިތުން އެދޭ ގޮތަށް. އެ މިސްރާބަށް.

 

ރައްޔިތުން ބޭނުމީ ކިތަންމެ އަގު ބޮޑުކޮށް، ލޯނުނަގައިގެން ހިއްކާފަވެސް ހިލޭ ބިން ދޭން. ލޯނު ނަގައިގެން އެބިމުގަ ހިލޭ 10 ބުރީގެ އިމާރާތް ކުރަން. އެތައްސަތޭކަ މިލިޔަނުން ލޯނުނަގައިގެން އެޅި ފުލެޓު ހޯދާފަ ފައިސާ ނުދައްކާ އެތާ ހިލޭ އުޅެން. 200 މީހުން ހަމަނުވާ ރަށުގަވެސް އެތައް މިލިޔަންރުފިޔާގެ ބަދަރު، އާޓިފިޝަލްބީޗު، ދަތުރުދާން ފަޅުތެރޭން ޕިކްނިކް އައިލެންޑެއް ހިއްކަން އިތުރަށް ލޯނުނަގަން. ކޮންމެ 20 މިނިޓަކުން ދެވޭ ހިސާބުގަ ލޯނުނަގައިގެން އެއާޕޯޓު. އަގު ހެޔޮކޮށް ދަތުރު ކުރަން މޯލްޑިވިއަނުން ފުލައިޓު ޓިކެޓު. ސަރުކާރު ކުންފުނިތަކާ، ކައުންސިލުތަކާ، އެމްބަސީ ތަކުން މަސައްކަތެއް ނުކޮށް ތިބެވޭ، ވަރަށް ބޮޑެތި މުސާރަ ލިބޭ 'ވަޒީފާ". 15.42 އަށް ބޭނުން ވަރަކަށް ޑޮލަރު ގަންނަން. ވޯޓު ލިބޭނީ އެވާހަކަ ދައްކައިގެން. ހުރިހާ ކެނޑިޑޭޓުންވެސް އެ ކުރަނީ އެކަން. ހަގީގަތުގަ މި ސިޔާސަތުތައް ދަމަހައްޓަން މި ކުރެވޭ ކަމަކީ ބިލިޔަނުން ލޯނުނަގައިގެން ފައިސާ ބަހާ އިސްރާފު ކުރުން( އަހަރެންގެ އުއްމީދަކީ އަދި ދުއާ އަކީ ވެސް ލަންކާއަށް ވީގޮތް މިރާއްޖެ އަށް ނުވުން).

 

ހަގީގަތަކީ ސަރުކާރަކުން ކުރަންޖެހޭ އަސްލު މަސައްކަތާ ގުޅޭ އެއްވެސް ކަމެއްގެ  - މިސާލަކަށް ޕަބްލިކް ފައިނޭންސް ގެ ވާހަކަ ބޮޑެތި މާސިންގާ ލޯނުތަކަށް ފައިސާ އަނބުރާ ދައްކާ ޑެޓް ސާވިސް ކުރާނެ ގޮތުގެ ވާހަކަ؛ ރުފިޔާގެ އަގާއި އިންފްލޭޝަންގެ ވާހަކަ؛ ރޫލް އޮފް ލޯ - ޤާނޫނު އެންމެންގެ މައްޗަށް ހަމަހަމައަށް ހިންގާނެ ވާހަކަ؛ ވައްކަމާ ޚީޔާނާތް ހުއްޓުވާނެ - ވާހަކަ ދައްކައިގެން ރައްޔިތުންގެ ވޯޓެއް ނުލިބޭނެކަން. ލިބެން އޮތް ވޯޓެއްވެސް ގެއްލޭނީ. ކެނޑިޑޭޓުންނަށް ވެސް މި ހަގީގަތް އިގޭތީ އެވާހަކަތަކެއް ނުދައްކާ.

 

ސަރުކާރަކުން ކުރަންޖެހޭ އަސްލު މަސައްކަތް ގިނަ ރައްޔިތުންނަށް އެގި ގަބޫލުކުރެވި، އެކަން މުހިންމުވާ ހިސާބުން ރިޔާސީ ކެނޑިޑޭޓުންވެސް ދެން ދައްކާނީ ސަރުކާރެއްގެ ހަގީގީ މަސައްކަތާ ގުޅޭ ވާހަކަ. އެހިސާބަކަށް ދެވެންދެން މިރާއްޖޭގެ ކުރިމަގުން ފެންނަނީ ބޮޑު މާސިންގާ އަންދަވަޅެއް. ފުންމިން ނުވެސް އިގޭ. މިރާއްޖެ ރައްކާތެރި ކުރައްވާށި!

No comments:

Post a Comment