Tuesday, December 19, 2023

މާދަރީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު ކޮބާ؟



ލިޔުނީ: ޢަބްދުއްރަޝީދު ޢަލީ

އަޅުގަނޑުމެންނަކީ ދިވެހީންނެވެ. އަޅުގަނޑުމެން ދިރިއުޅެނީ ދިވެހިރާއްޖޭގައެވެ. ދިވެހި ބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއް ރުކުނޭ ބުނާ އަޑު އަޅުގަނޑު އަހަމެވެ. މިދެންނެވި ރުކުން ޙިމާޔަތް ކުރުމައްޓަކައި ޤާނޫނު ހެދި، އެޤާނޫނު ތަންފީޒު ކުރުމަށް މުވައްސަސާތައް ވެސް އުފައްދާފައި އެބަހުއްޓެވެ. ނަމަވެސް މިދެންނެވި ޤާނޫނުތަކާއި މުވައްސަސާތަކުގެ ބޭނުމެއް އެބަ އޮތްބާވައޭ އަޅުގަނޑު ހިތަށް އަރައެވެ.

ދާދި މިދާކަށް ދުވަހު، ދައުލަތުގެ މައި ހޮސްޕިޓަލް "ދަރުމަވަންތަ ހޮސްޕިޓަލް" އަށް ދަތުގެ ފަރުވާއެއް ހޯދަން އަޅުގަނޑުގެ މަންމަ ގޮވައިގެން ދާންޖެހުނެވެ. އެދުވަހު އެތަނުން އަޅުގަނޑަށް ފެނުނު މަންޒަރަކީ އަޅުގަނޑަށް ތަންކޮޅެއް އުނދަގޫވި ކަމަކަށް ވިއެވެ.

ދޮޅުމަސް ދުވަސް ކުރިން ނޯޓްކުރި އެޕޮއިންޓްމަންޓް ހަމަޖެހިގެން ގުޅީ އެއްދުވަސް ކުރީންނެވެ. އެއް ގަޑި ބަޔަށް އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ކަމަށާއި، ގަޑި ޖެހުމުގެ ފަސް މިނިޓް ކުރީން ގޮސް ކައުންޓަރުން މެމޯ ނެގުމަށް ބުންޏެވެ. އެހެންކަމުން ގަޑި ޖެހުމުގެ 15 މިނިޓް ކުރީން މަންމަ ގޮވައިގެން ގޮސް މެމޯ ނަގައިފީމެވެ. ނަމަވެސް ޑޮކްޓަރަށް ދެއްކުނީ ހަތަރު ގަޑި ބައި ވީފަހުންނެވެ. ވަކި ގަޑި އަކަށް އަންނަން ބުނުމުން އެގަޑިއަށް ގޮސް ޢުމުރުން 87 އަހަރުގެ މީހަކު ގޮވައިގެން މިހާ ގިނަ އިރު މަޑުކޮށްގެން އިންނަން ޖެހުން އަޅުގަނޑަށް ބަލައިގަންނަން ވަރަށް އުނދަގޫ ވިއެވެ. ނަމަވެސް ދައްކަން މިއުޅެނީ އަދި މިވާހަކައެއް ނޫނެވެ. ޑޮކްރަށް ދައްކަން ކިއޫގައި މަޑުކޮށްގެން އިންއިރު ފެނުނު ތަނެއްގެ ވާހަކައެވެ.

ޢުމުރުން ގާތްގަނޑަކަށް 70 އަހަރުގެ އަންހެނަކު ލިފްޓުން ނިކުމެގެން އައިސް ގޮނޑި ތަކުގައި އިށީދެ ތިބި މީހުން ކައިރީ ކައުންޓަރ މިހުރީހޭ (ދަތުގެ ފަރުވާގެ ބައިގެ ކައުންޓަރަށް އިޝާރާތްކޮށްލާފައި) އަހާލިއެވެ. އެތާ އިން އަންހެނަކު އާނއެކޭ ބުނުމުން ކައުންޓަރގަ އިން ކުއްޖާ ގާތަށް އެމީހާ ހިގައްޖެއެވެ. އޭރުވެސް ކައުންޓަރ ކައިރީގައި އެހެން މީހަކު ހުއްޓެވެ. އެމީހާ ނިމުމުން، ކައުންޓަރގައި އިން ކުއްޖާ ގާތު، ޑޮކްޓަރަށް ދައްކަން މެމޯ ހަދަން ބޭނުންވާ ވާހަކަ މިއަންހެންމީހާ ބުނުމުން، "ނަންބަރެއް ނަގައިގެން މަޑުކޮށްލުމަށް" އެމީހާ ގާތު ކައުންޓަރގައި އިން ކުއްޖާ ބުންޏެވެ. ނަންބަރ ނަގަނީ ކޮންތާކުންތޯ އެމީހާ ސުވާލު ކުރުމުން ދޮރުން ނިކުންނަ އިރު ކަނާތް ފަރާތުގައި ހުންނާނެ ކަމަށް އެކުއްޖާ ބުންޏެވެ. އެއްކަލަ މީހާ ބޭރަށް ނިކުމެ ދެފަރާތް ހޯދާލުމަށްފަހު، އަނެއްކާވެސް ގޮޑިތަކުގައި ތިބި މީހުން ކައިރީ ނަންބަރު ނަގަނީ ކޮންތާކުންތޯ އެހުމުން ކުރިންވެސް އެމީހާ އަށް ޖަވާބު ދިންމީހާ، އަތުގެ އިޝާރާތުން ނަންބަރު ނަގާތަން ދައްކާލިއެވެ. އެ ދައްތަ ނަންބަރ ނަގަން ދިޔައެވެ. ނަމަވެސް އިސްކިރީނުގައި "މެމޯ ހެދުން" މިގޮތައް 3 ފަހަރު އިނުމާއެކު ނަންބަރު ނަގަން ފިތަންވީ ތަނެއް މި ދައްތައަކަށް ނޭގުނެވެ. މައިގަނޑު ސަބަބަކީ މި 3 މެމޯ ހެދުމަކީ ވަކިވަކި 3 ޑިޕާރޓްމަންޓް ގެ މެމޯ ހެދުމަށްވެފައި ލިޔެފައިވަނީ ހަމައެކަނި އިގިރޭސި ބަހުން ކަމަށްވާތީއެވެ. އެހެން ކަމުން އަނެއްކާވެސް ޖެހުނީ މީހެއްގެ އެހީތެރި ކަމަށް އެދޭށެވެ. ނަންބަރު ނަގައި ދިނުމުން ނަންބަރު އަރުވާ ބޯޑަށް ބަލާލިއިރު އެ ބޯޑުންވެސް އެދައްތައަށް ތަނެއް ދޮރެއް އެނގޭވަރެއް ނުވިއެވެ. މިއީ ދައުލަތުގެ މައި ހޮސްޕިޓަލްގައި ދިވެހިބަހަށް، އަދި ދިވެހީންނަށް ސަމާލުކަން ދެވިފައިވާ މިންވަރެވެ.

އެހެން އިދާރާއެކެވެ. މިފަހަރު "ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ"އެވެ. ދާދި ފަހުން މީހަކު ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްކުރަން "އެންސްޕަ" ޕޯޓަލްގެ ބޭނުން ހިފަން ޖެހުނެވެ. ހަމަ އެކަނި ދިވެހިންނަށް ޚާއްޞަ ޚިދުމަތެކެވެ. ނަމަވެސް ހުރިހާ މަޢުލޫމާތެއް ދޭންޖެހުނީ އިނގިރޭސި ބަހުންނެވެ. ދިވެހި ދައުލަތުގެ މުވައްސަސާ އެއްގައި ދިވެއްސަކު ރަޖިސްކުރުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ދޭން ހަދާފައިވާ ޕޯޓަލް ދިވެހި ބަހުން ނުހަދަންވީ ސަބަބެއް ވިސްނަ ވިސްނާވެސް އަޅުގަނޑުގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

ދެން އޮތީ ދައުލަތުގެ މީޑިއާގެ ވާހަކައެވެ. ޕްރޮގްރާމްތައް ހުށަހަޅައިދެނީ ދިވެހިބަހުން ކަމެއް އިނގިރޭސިބަހުން ކަމެއް ނޭގެއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދައުލަތުގެ މީޑިއާ އިން ހުށަހަޅައިދޭ ޕްރޮގްރާމްތަކާއި ރިޕޯޓްތައް ތައްޔާރުކޮށްފައި ހުންނާނީ ރާއްޖޭގައި ތިބި އެންމެ ޤާބިލް މީހުންގެ ލަފައާއި އިރުޝާދުގެ ދަށުންނެވެ. އެހެންކަމަށްވާނަމަ، ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމްތަކުގައި ދިވެހި ބަހުގެ ފެންވަރު މިދަރަޖައަށް ވެއްޓުނީ ކީއްވެބާއެވެ. މިދިޔަ ހުކުރު ދުވަހު ޓީ.ވީ.އެމް އިން ގެނެސްދިން ރިޕޯޓެއްގެ ވާހަކަ ދަންނަވާލާނަމެވެ. ދިވެހިބަހުން ގެނެސްދިން ރިޕޯޓެކެވެ. ހަވާދުގެ 2 ބާވަތެއް ކަމުގައިވާ “nutmeg” އާއި “mace” ގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. ނަމަވެސް މުޅި ރިޕޯރޓް ނިމުނު އިރުވެސް ރިޕޯރޓް ތައްޔާރުކުރެއްވި ބޭފުޅަކަށް އެނގިވަޑައި ނުގަން ކަމަކީ އެ ރިޕޯރޓް ތައްޔާރު މިކުރެވުނީ "ތަކޫވަކާ"އި "ބަޒަބާޒު"ގެ މައްޗަށް ކަމެވެ. އެއީ “nutmeg” އާއި “mace” ނޫން ކަމެވެ.

މާދަރީ ބަހަށް އިސްކަންދިނުމުގެ ޤާނޫނެއް ވެސް އެބައޮތެވެ. މިޤާނޫނު ތަންފީޒުކުރުމުގެ މަސްޢޫލިއްޔަތު އޮތީ ދިވެހި ބަހުގެ އެކެޑަމީއަށެވެ. މި އެކެޑަމީގައި ތިބެން ޖެހޭ މިންވަރަށް މެމްބަރުން ވެސް ތިއްބަވައެވެ. ނަމަވެސް މިބޭފުޅުން ކުރައްވަނީ ކޮން މަސައްކަތެއްބާއެވެ. ކަންކަން ރަގަޅުކުރުމަށް މި ބޭފުޅުން ދައުލަތުގެ މުވައްސަސާތަކުން ފަށައިގެން ކަމެއް ކުރަން އުޅުނު ނަމަވެސް ކޮންމެވެސް ވަރެއް ވީސްކަންނޭގެވެ. ދިވެހި ބަހަށް މިހާރު ދެވިފައިވާ 3 ވަނަ ދަރަޖައިން އަރާގަތުމަށް ހަމައެކަނި މަސައްކަތް ކުރަންޖެހޭ ބަޔަކީ ދިވެހި ބަހުގެ އެކެޑަމީ ނޫންކަން އަޅުގަނޑުވެސް ޤަބޫލްކުރަމެވެ. އަދި ރާއްޖޭގައި ހެދިފައި ހުންނަ ޤާނޫނުތަކަކީ އެއަށް ޢަމަލުކުރުން ލާޒިމް ނުވާ ޤާނޫނުތަކެއްކަމީ ވެސް ޤަބޫލްކުރަން ޖެހޭ ޙަޤީޤަތެކެވެ.


No comments:

Post a Comment