Friday, June 16, 2023

ފެންވަރު ރަގަޅު ދިވެހި ފޮތްތައް އެއީ ނެތް އެއްޗެއްތަ؟

ލިޔުނީ: ނައީމް އިބްރާހިމް (ނައިމްބެ)

 

މަޑުލު ވަހީދު ލިޔުއްވާފައިވާ މޯލްޑިވިއަން ޝޯޓް ސްޓޯރީޒް' މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޅުގަނޑު ކިޔާލީމެވެ. ކަންދިމާކުރިގޮތުން އަޅުގަނޑަށް ކިޔުނީ މަޑުލު ދިވެހި ބަހުން ލިޔުއްވާފައިވާ އަސްލު ފޮތުގެ އިނގިރޭސި ތަރުޖަމާ އެކެވެ. މިހާރު އަޅުގަނޑު ހިތަށް އަރަނީ ފަހަރެއްގައި ދިވެހި ބަހުން މި ފޮތް ކިޔުނު ނަމަ އަޅުގަޑަށް މި ފޮތް ބޮޑަށް ފަހުމްވީސް ކަމުގައެވެ. އިނގިރޭސި ބަހުން ކިޔުނީމަ ކަމަށްވެސް ވެދާނެއެވެ. ކޮންމެ ސަބަބަކާ ހުރެ ވިޔަސް މި ފޮތުގެ ފޮނިމީރުކަން ލިބިގަންނާކަށް އަޅުގަނޑަކަށް ނޭގުނެވެ. އަޅުގަނޑުގެ މާދަރީ ބަހުގެ އުސްތާޒަކު ލިޔުއްވާފައިވާ ފޮތަކާ މެދު މިހެން ދަންނަވަން އަޅުގަނޑަށް އެހާ ފަސޭހައެއް ނޫނެވެ. ކުރެވޭ އިހުސާސް ވެސް ރަގަޅެއް ނޫނެވެ. އެކަމަކު ހަގީގަތަކީ މީގެ ކުރިން އަޅުގަނޑު ކިޔާފައިވާ ދިވެހި އެހެން ބައެއް ފޮތްތަކެކޭ އެއްފަދައިން މި ފޮތުގެ ފޮނިމީރުކަން ލިބިގަތުމަށް ވެސް އަޅުގަނޑު ނުކުޅެދުމެވެ. އަޅުގަނޑަށް ފޮތް އެހާ ކަމަކުނުދިޔައެވެ.

 

ކޮންމެވެސް ވަރަކަށް ފޮތް ކިޔާ، އަދަބިއްޔާތަށް ޝައުގުވެރިކަން ހުންނަ މީހެއްގެ ގޮތުން މިއީ އަޅުގަނޑު އަމިއްލަ ނަފްސާ ކުރާ ސުވާލެކެވެ. ހަގީގަތުގައި ވެސް ދިވެހި ބަހުން ލިޔެވިފައި ހުރި ހިތްގައިމު ރަނގަޅު ފޮތްތަކެއް ނެތީ ހެއްޔެވެ؟ ދިވެހި އަދަބީ ގުލްޝަންގައި ލައްކަގިނަ މާ ތައް ފޮޅި އެތައް ތަރިއެއް މެދު އުޑުގައި ފިޔަޖެހި ވާހަކަ އަޅުގަޑު މަދަރުސާގައި އުޅުނު އިރު މުދައްރިސް ނިޔަނދުރު މުހައްމަދު މަނިކު ވިދާޅުވެދެއްވި ހަނދާން ވެއެވެ. ނަމަވެސް އަޅުގަނޑަށް އެ ފަދަ ލިޔުންތައް މަދު ކަމުގައި އިހުސާސް ވަނީ ކީއްވެގެން ބާވައެވެ؟ އެއީ ދިވެހި ލިޔުންތެރިންގެ މައްސަލައެއް ބާވައެވެ؟ ނުވަތަ އަޅުގަނޑު ފަދަ، ކަމުގެ އާޖުފާޖު ރަގަޅަށް ނުދަންނަ، ކިޔުންތެރިންގެ މައްސަލައެއް ބާވައެވެ؟

 

މައްސަލައަކީ، މިހާރު އަޅުގަނޑަށް ގަބޫލު ކުރެވޭގޮތުން، އަޅުގަނޑުމެންގެ މާދަރީ ބަހުގެ ލިޔުންތަކާ މެދު ވިސްނޭ ގޮތުގައި އުޅޭ މައްސަލައެކެވެ. މިގޮތުން، އަޅުގަޑުގެ މި މައްސަލައަކީ ލިޔުމުގެ ސްޓައިލާއި، މައުޟޫއުގެ އަދި ލިޔުންތެރިން ވާހަކަ ގެނެސްދޭ ގޮތް އެއީ ބޭރުބަހަކުން ކުރިން ކިޔާފައިވާ ފޮތެއްގައި އޮތް ޚިޔާލެއް ނުވަތަ ކުރިން އުފެދިފައިވާ ތަސައްވުރަކާ އަޅާކިޔާ މުގާބިލެއްގެ ވިސްނުމުން ދިވެހި ފޮތް ކިޔޭތީ ދިމާވާ މައްސަލަ މައްސަލައަކަށް ވުމެވެ. މިސާލަކަށް ދަންނަވާ ނަމަ، އަޅުގަނޑަށް އަބްދުالله ޞާދިޤުގެ ކުރު ވާހަކަތައް ކިޔަމުންދާއިރު ކުރު ވާހަކައިގެ ރަސްގެފާނު ކަމަށް އަދަބީ ދުނިޔޭގައި ލިޔުންތެރިން ސިފަކުރާ އެންޓަން ޗެކޯވްގެ ވާހަކައެއްގެ ކުއްލި ހައިރާންކަން، ނުވަތަ ލެޓިން އެމެރިކާގެ މަޝްހޫރު އަދީބު ހޮރްހޭ ލުއިސް ބޯރްހެސްގެ ވާހަކައެއްގެ ފުންކަން ހުންނާނެ ކަމަށް އުންމީދު ކޮށްގެން ކިޔޭތީ ވާ ގޮތެކެވެ. އެއީ ވަރަށް ބޮޑު ބޭއިންސާފެކެވެ. އަދަބިއްޔާތުގެ ގަސްތައް ފަޅާ، ހެދި ބޮޑުވެ، ފޯދި، މާ ފޮޅި، މޭވާ އަޅާ، ދޮންވެ ފައްކާވާ ގުދުރަތީ އުސޫލު ފަހުމް ނުވުމުގެ އަލާމާތެކެވެ.  

 

އަޅުގަނޑުމެންގެ އަދަބީ ސަގާފަތުގައި އަޅުގަނޑުމެން ސޯދުބެ ދެކެނީ އެންމެ މަތީ ފަންތީގެ އަދަބީ އުސްތާޒެއްގެ ގޮތުގައެވެ. އެއީ އަޅުގަނޑުމެންގެ އަދަބީ ބުސްތާނުގެ ނިސްބަތުގައެވެ. މި ކުޑަކުޑަ ދިވެހި ރާއްޖޭގެ ނިސްބަތުގައެވެ. ހޮރުގެ ބޮޑު މިނާ ނުބައްދަލު މާ ސިންގާ ކަކުންޏެއް ހޮރުގައި އޮތުމަކީ ނާދިރު ކަމެކެވެ. 'ދޮންހިޔަލަ އާއި އަލިފުޅު' އަދި 'ރޯމިއޯ އެންޑް ޖޫލިއެޓް' އަކީ ވެސް އަދަބީ 'ޓްރެޖެޑީ' ތަކެކެވެ. ނަމަވެސް ސޯދުބެ ފަދަ އަޅުގަނޑުމެންގެ ލިޔުންތެރިންނަށް އިންސާފުވެރި ވުމަކީ، އެ ބޭފުޅުންގެ ލިޔުއްވުންތައް ކިޔައި ބަލަން ޖެހޭނީ، ދިވެހިންގެ އަދަބީ މަންޒަރުގެ ސައިޒުގެ ތެރެއިން ކަމުގައި ދުށުމެވެ. އަޅުގަނޑުމެންގެ ލިޔުންތެރިން ބޭރުގެ ލިޔުންތެރިކަމާއި އަދަބިއްޔާތުގެ ފަންނަށް ހުޅުވިފައިވާ ކުޑަ މިންވަރާއި، ވަސީލަތްތައް މަދު ކަމާއި، އިންސާފު ކުރެވޭ މައުޟޫޢުތަކުގެ މަދު ކަމާއި ހަނި ކަމުގެ މައްޗަށް ރިއާޔަތް ކޮށްގެންނެވެ.

 

ހުސައިން ސަލާހުއްދީންގެ ލިޔުއްވުންތަކުގައި ފިޔޮޑޯރ ޑޮސްޓޯއެވްސްކީ ނުވަތަ ނަގީބް މަހްފޫޒްގެ ވާހަކައެއްގެ މައުޟޫއު އާއި ސިފަކުރުން ފެންނާނެ ކަމަށް ބެލުމަކީ އިންސާފުން އެއްކިބާވުމެކެވެ. މިއީ އަޅުގަނޑުމެންގެ އެންމެ ކުޅަދާނަ ޓެޑްރީގެ 'ދެރިޔާ' އާއި ޖޭމްސް ކެމަރަންގެ 'ޓައިޓޭނިކް' އަޅާކިޔުން ފަދަ ކަމެކެވެ. މަރިޔަމް ނިޝާ އަކީ މިހާތަނަށް ދިވެހި ފިލްމު އިންޑަސްޓްރީ ދުށް އެންމެ މޮޅު ފަންނާނު ކަމުގައިވިޔަސް އޮޑްރީ ހެޕްބަރން ނުވަތަ ޖޫލިއާ ރޮބަޓްސް ކަހަލަ ފަންނާނެއްގެ ސިފަތައް އަޅުގަނޑުމެންގެ މުމައްސިލާގެ ރޯލަކުން ފެންނާނެ ކަމަށް އުންމީދު ކުރުމަކީ އިންސާފުވެރި މިނެކިރުމަކަށް ނުވާނެއެވެ.

 

ރަށްފުށުގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަތަކެވެ. އާދަޔާ ޚިލާފު އެއްފަރާތައް ބުރަވެފައިވާ، ކަރުނައިން ދެ ލޯ ތެންމާލާ ހިތި ލޯބީގެ ވާހަކަތަކެކެވެ. ޖިންނިއެއް، ދެއޯއެއް ނުވަތަ ފުރޭތައަކާއި އިންސާނަކާ ގުޅޭ ވާހަކައެކެވެ. އުރުދޫ، ހިންދީ ނުވަތަ އަރަބި އަސްލުގެ ވާހަކައަކުން ނަގާފައިވާ ވާހަކައެއް، ފަށުވި އިބާރާތް ތަކަކުން ދިވެހި މާހައުލަށް ފައްތާލާފައިވާ ވާހަކައެކެވެ. މި ރާއްޖޭގެ ކުޑަކުޑަ އަދަބީ ގުލްޝަނުގައި ހުރި ގަސްތަކަކީ މައިގަނޑު ގޮތެއްގައި މިއީ އެވެ. އެހެންކަމުން، ބިންމާ ވަހީދުގެ ވާހަކައެއް ނަގައިގެން ހަރޫކީ މުރަކާމީގެ ފޮތެއް ފަދައިން ކިޔޭނެ ކަމަށް އުންމީދު ކުރާ ނަމަ އެއީ އަޅުގަނޑު އަމިއްލަ އަށް މާޔޫސް ކަމަށް ދެވޭ ދައުވަތެކެވެ. ލިއޯ ޓޮލްސްޓޯއީ ނުވަތަ ވްލަޑީމިއަރ ނަބަކޯވް ދުނިޔޭގެ އެންމެ ކުޅަދާނަ އަދީބުންނަށް ވީ އަދަބީ ހަނަފަސްކަމެއްގެ ތެރެއިންނެއް ނޫނެވެ. މުއްސަނދި އަދަބީ ސަގާފަތެއް، އެ ލިޔުންތެރިންގެ އުފެއްދުންތެރިކަމަށް އިންސްޕަޔަރ ކުރުވި އެހެން މޮޅު ލިޔުންތެރިންގެ ނެޓްވޯކެއް، އަދި ވަރަށް ފުޅާ ނުހަނު ފުން އަދަބީ ވިސްނުންތައް އެ ލިޔުންތެރިން އުފެއްދި ސަގާފަތުތަކުގައި އޮތެވެ. ހުނަރުވެރި ލިޔުންތެރިން ދުނިޔެ ދުވަހަކު ވެސް ހަނދާން ނުނެތޭ ފެންވަރުގެ ލިޔުންތެރިންނަށް ބަދަލުވީ މި ސަބަބަށް ޓަކައެވެ.

 

މަޑުލުގެ 'މޯލްޑިވިއަން ޝޯޓް ސްޓޯރީޒް' އަށް ފަހު އަޅުގަނޑު ކީ ބޮޑުފެންވަޅުގޭ ސީދީ ލިޔުއްވާފައިވާ 'މާމަކުނުދޫ ބޮޑު އީސާ ވާހަކަ' އެވެ. މި ފޮތް ކިޔަން ފެށުމުގެ ކުރިން އަޅުގަނޑުގެ އަމިއްލަ ނަފްސަށް ދެ ކަމެއް ހަންދާން ކޮށްލަދިނީމެވެ. ސްޓާލިންގެ ސޯވިއެޓް 'ގޫލާގު' ގެ ވޭންދެނިވި ދިރިއުޅުން ފިޒިކްސް ޓީޗަރު އެލެކްސަންޑަރ ސޮލްޒެނިޓްސިން އަދަބިއްޔާތުގެ އެންމެ މަޝްހޫރު އެއް ނަމަށް ބަދަލުކުރިއެވެ. ހިޓްލަރުގެ ޖަރުމަނުގައި އުފެއްދި 'އައުޝްވިޒް' ތަހައްމަލު ކުރަން ނުޖެހުނު ނަމަ މަޝަހޫރު ލިޔުންތެރިޔާ ޕްރިމޯ ލޭވީ މަރުވެ ދިޔައީހީ އެކަކު ވެސް އަޑު ވެސް ނާހާ އިޓަލީގެ ކެމިސްޓެއްގެ ގޮތުގައެވެ. އަޅުގަނޑުމެންގެ މި ރާއްޖޭގައި ދުވަހަކު ވެސް 'ގޫލާގެއް' ނުވަތަ 'އައުޝްވިޒް' އެއް ހިނގާފައެއް ނުވެއެވެ.

No comments:

Post a Comment