ތިބާގެ ދަރިން ތިބާ އެހެން ގައުމަކަށް އާއިލާ އާއެކު ހިޖުރަކޮށްފައިވަނިކޮށް،
އެ ގައުމެއްގެ ސަރުކާރުން ތިބާގެ ދަރިން އަތުލައިފި ނަމަ ތިބާ ހަދާނީ ކިހިނެތް
ހެއްޔެވެ؟ މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ ހިންދީ ފިލްމް
"މިސިޒް ޗެޓަރުޖީ ވާސަސް ނޯވޭ"ގައި ކުރެވޭ އެންމެ މުހިންމު ސުވާލެވެ.
"ޗެޓަރުޖީ"ގައި ދައްކުވައިދެނީ ހުޅަނގުގެ ގައުމެއް ކަމަށްވާ
ނޯވޭއަށް ހިޖުރަ ކުރާ އިންޑިއާގެ އާއިލާއެއްގެ ދަ ދެރިން ނޯވޭ ސަރުކާރުގެ
ކުޑަކުދިންގެ ހިމާޔަތުގައި މަސައްކަތް ކުރާ އިދާރާ "ބާނެވާނެޓް"ގެ
ބެލުމުގެ ދަށަށް ގަދަކަމުން ގެންދާ ގޮތެވެ. ބާނެވާނެޓްގެ މުވައްޒަފުންގެ ހިތްހަމަ
ނުޖެހުމަކީ އިރުމަތީގެ ގައުމެއް ކަމަށްވާ އިންޑިއާގެ ސަގާފަތެވެ.
މި އާއިލާގެ މަންމަ ކަމަށްވާ ދެބިކާ ޗެޓަރުޖީގެ ރޯލު ފިލްމްގައި ރާނީ
މުކަރުޖީ އަދާކޮށްފައިވާލެއް މޮޅުކަމުން އޭނާގެ މޮޅިވެރިކަމާއި އަދި ރުއިމާއި އަދި
ބައެއް ފަހަރަށް "ހިސްޓީރިއާ"ގެ އަމަލުތައް ފެނުމުން މި ފިލްމް ބެލިތާ
އެތައް ދުވަހެއް ފަހުން ވެސް ސިކުނޑީގައި އޭގެ ހިތާމަވެރި އަސަރު ހަރުލާފައި
ހުއްޓެވެ.
"ޗެޓަރުޖީ"ގައި ފާހަގަ ކުރެވުނު މުހިންމު ކަންތައްތަކަކީ:
1)
އިރުމައްޗާއި
ހުޅަނގުގެ ސަގާފަތުގެ "ހަނގާރުމަ": އާއްމު ގޮތެއްގައި ދެކުނު އޭޝިއާ
މީހުން އަތުން ކެއުން ވެސް ނޯވޭއަށް ވީ މުޑުދާރު އަމަލަކަށެވެ. ނޯވޭ ސަރުކާރުން
ދެކޭ ގޮތުގައި އިންސާނުން ކާން ޖެހޭނީ އުލާއި ސަމްސާ ފަދަ އާލާތްތައް
ބޭނުންކޮށްގެންނެވެ. މީގެ އިތުރުން އެއް އެދެއްގައި ދަރިން ކައިރީގައި
ބާއްވައިގެން ނިދުމަކީ ވެސް ބާނެވާނެޓްއަށް ހަޖަމު ނުވި ކަމެކެވެ. މި ކަން އެ
އިދާރާއިން ނެގީ ދެބިކާގެ އާއިލާއިން ދަރިންނާ މެދު ފަރުވާ ކުޑަ ކުރަނީ ކަމަށެވެ.
2)
މަންމައެއްގެ ކެކުޅުން:
ބެވާނެޓްގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ދަރިން ހޯދުމަށް ދެ ވަރަކަށް އަހަރު
ދެބިކާ ނޯވޭގެ ޝަރުއީ ނިޒާމާ "ހަނގުރާމަ" ކުރެއެވެ. ތުއްތު ދެ ދަރިންނާ
ދުރުގައި މިހާ ގިނަ ދުވަހު ހޭދަކުރަން ޖެހުމުން ދެބިކާ ކުރިމަތިލާން ޖެހޭ
މާޔޫސްކަން ކިތައްމެ ރަނގަޅަކަށް ވެސް ރާނީގެ ހުނަރުން ދައްކާލާފައިވެއެވެ.
އަނެއްކާވެސް ބުނަން ޖެހެނީ މި "ޑިޕްރެޝަން" ބަލަން ދަތި ކަމަށާއި މި
ކަހަލަ ކަންކަމުން ސިކުނޑިއަށް ނުތަނަވަސްކަން ލިބޭ މީހުން މި ފިލްމް ބަލަން ވާނީ
ކުރިއަށް ދުރާލާ ފުންކޮށް ވިސްނާ ފިކުރު ކުރުމަށް ފަހުގައި ކަމަށެވެ. ސަބަބަކީ
ދެބިކާގެ ޑިޕްރެޝަނުން ބެލުންތެރިން ވެސް ޑިޕްރެސް ކޮށްލަފާނެތީއެވެ.
3)
ސަގާފީ
ތައައްސުބު: ކުޑަކުދިން ބެލުމުގައި ހުޅަނގުގެ ގައުމުތަކުން އިރުމަތީ ގައުމުތަކުގެ
ސަގާފަތްތަކާ މެދު ގެންގުޅޭ ސަގާފީ ތައައްސުބު މި ފިލްމުން ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ.
އެ ގޮތުން ދެބިކާގެ ހަޔާތުގެ ބެކްގްރައުންޑަށް އަލިއަޅުވާލުމުގެ އިތުރުން ނޯވޭގެ
ބަސް އޭނާއަށް ފަހުމް ނުވުން ވެސް މައްސަލައެއް ގޮތަށް ނޯވޭއިން ދެކޭކަން މި
ފިލްމުން ހާމަވެއެވެ.
4)
ޝަރުއީ
"ހަނގުރާމަ": މި ފިލްމްގައި ދައްކުވައިދެނީ ސަރުކާރެއްގެ ބާރާއި ނުފޫޒު
ހުރި އިދާރާއަކާ، ނިކަމެތި އަންހެނަކު "ގާނޫނީ ހަނގުރާމަ"އެއް ކުރާ
ގޮތެވެ. އަދި މި ކަމުގައި ހުރި ވޭނާއި ގޮންޖެހުމާއި ދެބިކާއަށް ކުރިމަތިވާ
ޖަޒުބާތީ ކެކުޅުންތައް ވަރަށް ފުރިހަމަކޮށް ދައްކުވައިދެއެވެ.
ކޮންމެއަކަސް، ކޮންމެ ކަމަކީ ވެސް ކޮންމެވެސް ސިފައެއްގައި ފާޑުކިޔުން
އަންނާނެ ކަމެކެވެ. އެ ގޮތުން "ޗެޓަރުޖީ"އަށް ދެ ގޮތަކުން
ފާޑުކިޔައިފައިވެއެވެ. އެއް ކަމަކީ ޑައިރެކްޓަރު އާޝިމާ ޗިއްބާ މި ފިލްމް ހަދަން
ވެގެން ވާހަކައަށް ބައެއް ބަދަލުތައް ގެނެސްފައިވާތީއެވެ. އަނެއް ކަމަކީ ނޯވޭ
ސަރުކާރުގެ ނިޒާމު ހަމައެކަނި އެއް ފަރާތުން ދައްކާފައިވުމެވެ.
މި ހުރިހާ ފާޑުކިޔުންތައް ހުއްޓަސް، "ޗެޓަރުޖީ"އަކީ ގޯސް ފިލްމެއް
ކަމަށް ބުނެވޭކަށް ނެތެވެ. ސަބަބަކީ މި ހަގީގީ ވާހަކަ އޭގެ އަސްލަށް ބަދަލެއް
ނުގެނެސް ފުން އަސަރާއެކު އާޝިމާގެ ހުނަރުން ބެލުންތެރިންނާ ހަމައަށް
ގެސްދީފައިވާތީއެވެ. މި ފިލްމްގައި ހުޅަނގާއި އިރުމަތީގެ ސަގާފީ
ކުރިމަތިލުންތަކާއި މައިންބަފައިންގެ ހައްގުތަކަކީ ކޮބައި ކަމާއި ކުޑަކުދިން
ރައްކާތެރި ކުރާ އިދާރާތަކުގެ ދައުރަށް ބަލައިލައިފައި ވާތީ ވެސް މެއެވެ.
މިދިޔަ އަހަރު ނުކުން މި ފިލްމް "މިސިޒް ޗެޓަރުޖީ ވާސަސް ނޯވޭ" ސިނަމާތަކުގައި
ދައްކާފައި މިހާރު ނެޓްފްލިކްސުން ސްޓްރީމް ކުރެއެވެ. މި ފިލްމް ވަނީ ރާއްޖޭގައި
ވެސް ޝުވެކް ސިނަމާގައި ދައްކައިފައެވެ.
No comments:
Post a Comment