Wednesday, October 04, 2023

ހަގީގަތަކީ ކޮބާ؟

 

 

ލިޔުނީ: ނައީމް އިބްރާހިމް (ނައިމްބެ)

 

ފިރުޢައުނު ސަނޫސްޓްރެޓް III އާއި އޭނާގެ ދަރިކަލުން ފިރުޢައުނު އަމެންހޮޓެޕް III ގެ ވެރިކަމުގައި މިޞްރުގައި ނީލަކޯރުގެ ފެންގަނޑު ފާޔޫމްއަށް ޖަމާކޮށް ހައިރާންވާވަރުގެ ބޮޑު ފެންކޯރެއް އުފެއްދިއެވެ. 13 ޓްރިލިއަން ގެލަންގެ ފެން ހިފެހެއްޓޭ ފެންގަނޑެކެވެ. މިޒަމާނުގެ ޓެކްނޮލޮޖީއާއި މެޝިނަރީތައް ބޭނުން ކޮށްގެން ކުރިޔަސް އެއީ އެންޖިނިއަރިންގެ އަޖައިބެކެވެ.

 

ފިރުޢައުނު އަމެންހޮޓެޕްއަކީ އިރުގެ ކަލާންގެ ރާ ގެ ދަރިކަލުންނެވެ. މިސުރުމީހުނަށް ދިރިހުރި ކަލާނގެއެކެވެ. އަދި މިސްރުގައި ސިޓީތައް ބިނާކޮށް، ލަޝްކަރުތައް އުފައްދައި، އެތައް މިލިއަން އިންސާނުންގެ ދިރިއުޅުމާއި ދަނޑުބިންތައް ނީލަކޯރުގެ ފެންގަނޑު ބޮޑުވުމުން ރައްކާތެރިކޮށް ކޮންޓްރޯލްކުރަން ކިނބޫ ކަލާންގެ ސޯބެކް ފިރުއައުނަށް އެހީތެރިވެއެވެ.

 

ސޯބެކް އަށް ޚާއްސް ވަރުގަދަ ފައްޅިއެއް ފާޔޫމްގައި ބިނާކުރިއެވެ. އެފައްޅީގައި ސޯބެކްގެ ރަމްޒު، ޕެޓްސުޗޯސް ކިޔާ ދިރިހުރި ކަލާނގެއެއް އޮވެއެވެ. އެއީ އެފައްޅީގެ ހާމުދުރުން ކޯރުން ހިފައިގެން ގެނެސް ރަނާއި ޖަވާހިރުން ޒީނަތްތެރިކޮށް ހެދުން އަޅުވާފައި އޮންނަ ކިނބުލެކެވެ. ކުކުޅާއި ގެރި ބަކަރީގެ އެންމެ ތާޒާ މޮޅު މަސް ކޮންމެ ދުވަހަކުވެސް ކާންދެވޭ ކަލާންގެ އެކެވެ.

 

ކޮންމެ ދުވަހަކުވެސް އެތައް ހާސް ބަޔަކު ކިނބޫ ކަލާންގެ ޕެޓްސުޗޯސް އަށް އަޅުކަންކުރަން ފައްޅިއަށް އާދެއެވެ. އެމީހުން ދުއާ ކުރީ ފެންބޮޑުވުން ކޮންޓްރޯލްވެ، ހަނަފަސްކަން މިސުރާ ދުރުވެ، ދަނޑުބިންތައް ތިޔާގިވެ މިސްރު ގަދަފަދަ ވުމަށެވެ.

 

އެމީހުންގެ ދުއާ އިޖާބަވިއެވެ. ފެންބޮޑުވުން ހުއްޓުނެވެ. ހަނަފަސްކަން މަދުން ނޫނީ ނާދެއެވެ. މިޞްރުގައި އޮތީ އެންމެ ބާރުގަދަ ލަޝްކަރާއި، ދުނިޔޭގައި ހުރި އެންމެ އުސް ބިނާތަކެވެ.

 

މިޞްރުމީހުނަށް މިޞްރު ފަނާކުރަނިވި ފެންބޮޑުވުމުން ސަލާމަތްވެ، ތިޔާގިވީ ކަލާނގެ ފިރުޢައުނާއި ކިނބޫ ކަލާންގެ ޕެޓްސުޗޯސް އަށް އެމީހުން ކުރި ދުޢާއިންނެވެ.

 

ނީލަކޯރުގެ ފެންގަނޑު ފާޔޫމްއަށް ދެމިގެންދާގޮތަށް ކޯރު ކެނޑީ އެމީހުންގެ އެތައްހާސް ބަޔަކު އަވީގައިތިބެ އެމީހުންގެ އުދަލިތަކުން ކުރި މަސައްކަތުންކަން ވިސްނާކަށް އެމީހުން ބޭނުމެއްނޫނެވެ.

 

މީގެ 3800 އަހަރު ކުރިން މިސުރުގައި އުޅުނު މީހުން ހަމަ މޮޔައީ ހެއްޔެވެ؟

 

ނޫނެކެވެ. ހުރިހާ މުޖުތަމައެއްގައިވެސް ހުރިހާ ޒަމާނެއްގައިވެސް އިންސާނުން އުޅެނީ ކޮންމެ ބަޔަކުވެސް އެބަޔަކު ގަބޫލުކުރާ "ހަގީގަތް" ތަކެއްގައެވެ.

 

ކެތޮލިކް ފައްޅިއެއްގައި 'މާސް' ހިނގާ ވަގުތު ހިނދުކޮޅެއްގެ ތެރޭގައި ޕާންކޮޅެއް އީސާގެފާނުގެ ހަށިކޮޅަށް ބަދަލުވެ، ވައިންފޮދެއް އެކަލޭގެފާނުގެ ލޭ ފޮދަށް ބަދަލުވާ ކަމުގައި މިހިނގާ 2023 ވަނައަހަރުވެސް އެތައްސަތޭކަ މިލިޔަން މީހުން ގަބޫލު ކުރެއެވެ. އެމީހުނަށް އެއީ ހަގީގަތެވެ.

 

އަރިސްތޫ އާއި އެހެން ޔޫނާނީ އިލްމުވެރިން ދުނިޔެ އަކީ ބޯޅައެއްގެ ސިފައަށް އޮންނަ ތަނެއް ކަމުގައި ކިޔައިދިން ފަހުން 2400 އަހަރު ފާއިތުވެ ދިޔައިރު އަދިވެސް ދުނިޔެ އަކީ ފަތާ ކޮށް އޮންނަ އެއްޗެއް ކަމުގައި ބުނާ އެތައް ލައްކަ 'ފްލެޓު އާރތާރޒް' އިންސާނުންގެ ތެރޭގައި އެބަ ތިއްބެވެ. އެމީހުންނަށް ހަގީގަތަކީ ދުނިޔެއަކީ ބަންޑުން ޖަހާފައި އޮތް ބޮޑު މާސިންގާ ދޮލަނގެއްގެ ބައްޓަމަށް އޮތް ތަނެކެވެ.

 

ދިވެހިންނަށްވެސް ހަމައެހެންނެވެ. އެބައެއްގެ ހަގީގަތަކީ އެބަޔަކު ގަބޫލުކުރާ ގޮތެކެވެ.

 

އިންތިޚާބީ-ރައީސް މުއިއްޒު އަށް ވޯޓް ދިން 126842 މީހުންނަކީ އަނިޔާވެރިކަން ރުޖޫއަވެ މިގައުމު އަފްޣާނިސްތާނަށް ވާން ދޫކޮށްލަން ވަރިހަމަ ކަމަށް ބުނި މީހުނެވެ. ރައީސް ސޯލިހަށް ވޯޓު ލީ 108500 މީހުންނަކީ ގައުމުގެ މިނިވަންކަން ގެއްލި ދިޔަޔަސް ވަރިހަމަ ކަމަށް ބުނި މީހުނެވެ.

 

ބިންމަތީގައި 6 ނުވަތަ 9 އަޅާފަ އެނަމްބަރުގެ ދެކޮޅުގަ ތިބޭ ދެމީހުނަށް އެކަކަށް އެއީ ހަ އެކެވެ. އަނެކަކަށް ނުވައެކެވެ. ތަފާތު ދެ ހަގީގަތެވެ.

 

ވަޅުގައި އިންނަ ކައްޓަފުޅިއަށް ބޮޑު މާސިންގާ ކަނޑަކީވެސް، މުޅި ކާއިނާތަކީ ވެސް ހަމަ ވަޅެވެ. "ހަގީގަތަކީ" އެކަހަލަ އެއްޗެކެވެ.

1 comment:

  1. Anonymous10:43 PM

    Ehen veemaa Nasoaraainnakee minimas kaa ba eh thaa! Noonee kaahivvaa ba eh thaa!! Bo halaak. Mi ee ekamu furaa furihama ve visney ba eko.

    ReplyDelete