Friday, September 08, 2023

ޗާޕްކުރެވޭ މެނިފެސްޓޯއަކުން ހާލަތު ބަދަލު ކުރެވޭނެ ހެއްޔެވެ

ލިޔުނީ: ހަސީނާ ހަބީބް

 

އަހަރެން އިއްޔެ ލޮނުޒިޔާރަތްމަގުން ހިނގާފައި ދަނިކޮށް ފެނުނު ރީނދޫ ކުލައިގެ ފޮތިގަނޑެއްގައި ލިޔެފައި އޮތް އިބާރާތެއް ކިޔާލުމަށް، ބޭއިޚްތިޔާރުގައި މަޑު ކުރެވުނެވެ. އެ އިބާރާތަކީ " ބޭރު ޤައުމު ތަކުގައިވާ ޑިޕްލޮމެޓިކް މިޝަން ތަކުގައި 50 ޕަސެންޓް އަންހެނުން ހިމެނެއެވެ." ވަރަށްވެސް ބޮޑު ތެދެއްމެ އެވެ. އާދައިގެ މީހަކަށް ވިސްނޭނެ ހެއްޔެވެ. ޑިޕްލޮމެޓިކް މިޝަން ތަކުގައި ސަފީރުންގެ މަޤާމުގައި މިހާރުތިބި އަންހެނުންނަކީ މާލޭގެ ބިންވެރިންނާއި ގެދޮރުވެރިންނާއި މުދާ ވެރިންނާއި މަތީ ފަންތީގެ މީހުން ކަމުގައި ބުނެވޭ "ބޭފުޅު" މީހުންނެވެ. ރާއްޖެ ތެރެއަށް ނިސްބަތްވާ އަންހެނަކު މީގެ ތެރޭގައި ނުހިމެނުމަކީ އިއްތިފާގެއް ހެއްޔެވެ؟ އަހަރެން ހިތާ ހިތާ ސުވާލު ކުރީމެވެ.

 

އަހަރެން ހަދާނަށް އައީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަރެން ފުރަތަމަ އޮފީހަށް ވަންނަން ވެގެން (އެއިރުގައި ސްކޫލް ނިމުމުން އެމީހަކު ވަންނަން ޖެހެނީ ރައީސް އޮފީހުން އެންގި އޮފީހަކަށެވެ) އިންޓަރވިއު އަށް ގެންދިޔަ ދުވަހެވެ. އެ އޮފީހުގެ އިސް ވެރިއެއް އަހަރުމެން ކައިރިން (10 ވަރަކަށް ކުދީން) އެހިއެވެ. "މިތަނުން މާލެގެ ބޭފުޅުންނަކީ ކޮބައި ހެއްޔެވެ" އަދި އެކުދީން އަތްމައްޗަށް ނެގުމަށް ބުންޏެވެ. އޭގެ ތެރެއިން 3 ކުދީން އަތްމައްޗަށް ނެގިއެވެ.

   

މިއަދަކީ އޭގެ ގާތްގަނޑަކަށް 30 އަހަރު ފަހެވެ. ދިވެހިރާއްޖެ މި ވަނީ ބަދަލުވެފައެވެ. 2008 ވަނަ އަހަރުގައި މުޅިން އައު ޤާނޫން އަސާސީ އެއް ވަނީ ދިވެހީންނަށް ލިބިފައެވެ. ލޭ އޮހޮރުވުމާކާނުލައި، އައު ޤާނޫން އަސާސީއެއް ލިބުމަކީ ދުނިޔޭގެ ތާރީޚުގައިވެސް މަދު ޤައުމަކަށް މެނުވީ ލިބޭ ނަސީބެއް ނޫނެވެ. މިއީ ދިވެހީންނަށް އެބައި މީހުން ހިތްއެދޭ ގޮތަށް ވެރިކަން ކުރުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ.

 

އަންހެނުން ބާރުވެރިކުރުވާ އަދި އެބައި މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ވާހަކަ އަކީ މިއަދު މާ ބާރަށް ދައްކާ ވާހަކައެކެވެ. ރާއްޖޭގެ އަންހެނުން ބާރުވެރިކުރުވަން ރާއްޖޭގެ އެކި އެކި ސަރުކާރު ތަކުން މަސައްކަތްކުރާ ކަމާއި އިސްވެ ދެންނެވުނު 50 ޕަސެންޓްގެ ވާހަކަ އަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ. މިކަމަށްޓަކައި ރާއްޖެއަށް ބައިނަލް އަޤްވާމީ ޖަމްއިއްޔާ ތަކުން ތައުރީފް އޮހެނީ އެވެ.

  

ސިވިލް ސާރވިސް ގެ މަތީ ފަންތީގައި އަންހެނުން މަދީ ކީއްވެ ހެއްޔެވެ؟ އަދި ސިވިލް ސާރވިސް ގެ މަތީ މަޤާމްތައް (ޑިރެކްޓަރ ޖެނެރަލް ނުވަތަ މި ފަންތީގެ މަޤާމުތައް) ނިސްބަތުން މަދީ ކީއްވެ ހެއްޔެވެ؟ މަޤާމް ނުއުފެއްދެނީ ބަޖެޓްގެ ދަތި ކަމުން ކަމުގައި ބުނާ ބުނުމަކީ ބަހަނާ އެއް ހެއްޔެވެ؟ ޤާނޫން އަސާސީގެ 115 މާއްދާގެ (ޅ) "ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން" ކޮންމެ މަޤާމަކަށް ކޮންމެ މީހަކު ރައީސުލް ޖުމްހޫރިއްޔާއަށް އައްޔަނު ކުރެވެއެވެ. މި މާއްދާ ތަރުޖަމާ ކުރާގޮތުން ސަރުކާރު ބަދަލުވިޔަސް އަލަށް އިންތިހާބު ވާ ރައީސަކު ބޭނުން ނަމަ ކުރީ ރައީސް އައްޔަނު ކުރި މީހާ ހަމަ އެވަޒީފާ ގައިބެހެއްޓެއެވެ. މި މަޤާމު ތަކުގައި ތިބޭ މީހުންގެ ވަޒީފާގެ މުސާރަ އަދި އިނާޔަތްތައް ގިނަ ގުނައެވެ. އެލަވަންސް ތަކުގެ ތެރޭގައި ހައުސިންގ އެލަވަންސް ހިމެނެއެވެ.

 

ސިވިލް ސާރވިސް އާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަޤާމުގެ މުސާރަ ހަމަޖައްސަނީ ސަރުކާރުގެ ބަޖެޓް ހުށަހަޅާއިރު "ދައުލަތުގެ މުވައްޒަފުންގެ މުސާރަ" ކިޔާ ކޮމްޕޯނަންޓް އަކުންނެވެ. މިހެންކަމުން ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ދައުލަތުން ކުރާ ބޮޑު ހޭދައެއް ކުރަމުންދަނީ ހަމައެކަނި ސިވިލް ސާރވިސް މުވައްޒަފުންނަށް އެކަނި ކަމުގައި ބުނާނެ ތަނެއް ނެތެވެ. ސަރުކާރުގެ "ނޭޝަނަލް ޕޭ ކޮމިޝަނެއް" ހެދިފައި ވެއެވެ. މި ކޮމިޝަނުގެ މެންޑޭޓަކީ ޕޭ ހާމަނައިޒް ކުރުން ކަމުގައި ވިއަސް މިއަދާ ހަމައަށް ހާމަނައިޒް ކުރެވުނީ ކޮން މުސާރައެއް ކަމެއް ކޮމިޝަނުގެ ވެބްސައިޓުން އެނގެން ނެތެވެ. އެ ކޮމިޝަނުގެ ވެބްސައިޓުގައި، ބައިވަރު ލިޔުންތައް އެބަހުއްޓެވެ. އެކި އެކި ނަންނަން ކިޔާ ކަރުދާސްތަކެވެ. މި ލިޔުން ތަކަކީ އާދައިގެ މީހަކަށް އޭގައިވާ އެއްޗެއް ފަހުމްވާވަރަށްވުރެ މާ ޓެކްނިކަލް ލިޔުން ތަކެކެވެ. ކޮންމެއަކަސް، ސިވިލް ސާރވިސް އުފެދުނީއްސުރެވެސް (2010) މުސާރަ ބޮޑުކުރާ ވާހަކަ އަކީ ދުވަހަކު ހަޤީޤަތަކަށް ނުވާ ހުވަފެނެކެވެ.

 

މިހާ ހިސާބަށް ވިސްނާލާފައި އަހަރެން މާޔޫސް ވިއެވެ. ދެން އަހަރެން ހިތަށް ކުއްލިއަކަށް އައީ ރަމަޟާން މަހު ޓީވީ މޯލްޑިވްސް އިން ދައްކާ މުޙައްމަދު ރަސޫލުއްﷲ ކިޔާ ސީރީޒްގައި އުޅޭ ނަމްރޫދު ރަސްގެފާނެވެ. އިބްރާހިމްގެފާނު އަލިފާނަށް ލެވުމުން ސަލާމަތް ކުރެއްވީ އެކަލޭގެފާނުގެ ކަލާނގެ ކަމާއި އެ ކަލާނގެ އަކީ ދިރުން ދެއްވާ މަރުގެންދަވާ ރަސްކަލާގެ ކަމުގައި މީސްތަކުން ނަމްރޫދު ރަސްގެފާނަށް ދެންނެވިއެވެ. ހަމަ އެއާއެކު ނަމްރޫދު ރަސްގެފާނު ދެންނެވިއެވެ: "އަހަރެންނަކީ ވެސް ދިރުން ދޭ އަދި މަރުގެންދާ ރަސްކަލާނގެ އެކެ"ވެ. މީސްތަކުން އެއީ ކިހިނެއްތޯ ސުވާލު ކުރުމުން، ނަމްރޫދު ރަސްގެފާނު ދެންނެވިއެވެ. "އަހަރެން ކައިރިއަށް ދެ މީހުން ގެންނާށެވެ. އަހަރެން އެކަކު މަރާފައި އަނެކަކު ދޫކޮށްލާނަމެވެ. އޭރުން މަރު ގެންދަވާފައި، ދިރުން ދެވުނީ ނޫން ހެއްޔެވެ." ބައެއް މީސްތަކުން އެކަން ގަބޫލު ކުރިއެވެ. ނަމަވެސް އަނެއް ބައި މީހުން ނަމްރޫދުގެ މި ހަމަ ނުޖެހޭ ވިސްނުން ގަބޫލެއް ނުކުރިއެވެ.

 

މެނިފެސްޓޯގައިވާ 50 ޕަސެންޓް އަންހެނުންނަށް ޑިޕްލޮމެޓިކް މިޝަން ތަކުން ވަޒީފާ ހަމަޖައްސާފައިވާ ގޮތަކީ ނަމްރޫދު ރަސްގެފާނު އޭނާ އަކީ ކަލާނގެ ކަމަށް ދަޢުވާ ކުރުމަށް ބޭނުންކުރި އުސޫލު ހެއްޔެވެ.

No comments:

Post a Comment