Saturday, December 23, 2023

އަހަރެންނާއި އަހަރެންގެ މުސާރަ


 

ލިޔުނީ: އިސްމާއީލް ހިލްއަތު ރަޝީދު

 

ރާއްޖޭގެ މަތީ ފަޑީގައި ތިބި ފަރާތްތަކުގެ މުސާރަ ކުއްލި ގޮތަކަށް ބޮޑު ކުރެވުނު ޚަބަރު އެހީ ހައިރާން ކަމާއެކުއެވެ. ސަބަބަކީ މިކަން މިހާ ކުއްލި ގޮތަކަށް ކޮށްފާނެ ކަމަށް އުންމީދު ކުރެވިފައި ނެތީމައެވެ.

 

ދާދި އިހަކަށް ދުވަހު ހިނގާ ދިޔަ ރިޔާސީ އިންތިޚާބުގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެނިފެސްޓޯ އަކުން މިވެރިންގެ މުސާރަ ބޮޑު ކުރުމުގެ ވާހަކަ އެއް އަޑު އެހި ހަނދާނެއް ނުވެއެވެ. ފާއިތުވި އިންތިޚާބުގައި ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ޖުމްލަ ގޮތެއްގައި އިއްތިފާޤް ވީ އާންމު ރައްޔިތުންގެ ދިރިއުޅުމާ ގުޅޭ ކަންތައްތަކަށް ހެޔޮ ބަދަލު ގެންނަންޖެހޭ ކަމެވެ. މިގޮތުން ގެދޮރު ވެރިކުރުމާއި، ތައުލީމް، އަދި ސިއްޙީ ދާއިރާ ތަރައްޤީ ކުރުން ހިމެނެއެވެ.

 

ކަންމިހެން އޮއްވައި، މީގެ ތެރެއިން އެއްވެސް ކަމެއް ނުހިގައި، މިހާ އަވަހަށް ކުއްލިއަކަށް މަތީ ފަޑީގެ މުސާރަ ބޮޑުތަނުން ބޮޑުކުރަން ޖެހުނު ސަބަބެއް ނުވިސްނެއެވެ. މި މުސާރަތަކުގައި ނެޝެނަލް ޕޭ ކޮމިޝަނުގެ ބަހެއް ހޯދާން ނުޖެހުމަކީ ހިތާމަހުރި ކަމެކެވެ. އަމިއްލައަށް އަމިއްލަގެ މުސާރަ ބޮޑުކުރުމުގެ އިންތިޒާމްތައް އޮތީ މާކުރީއްސުރެ ވެސް ހަމަޖެހިފައެވެ.

 

މިއަށްވުރެ އަދި އިތުރު ހައިރާން ކަމެއް ލިބިގެން ދިޔައީ މަޖްލިސް މެމްބަރުންގެ މުސާރަ ބޮޑު ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމުގައި ބުނެ މެމްބަރުން އެކަމަށް ވަކާލާތު ކުރުމުންނެވެ. އެމީހުން ދެކިގެން ތިބި ގޮތުގައި ރައްޔިތުންނަށް ބޭނުންންވާ ގިނަ ކަންތައްތައް، މަޖްލިސް މެމްބަރުން ކޮށްދޭން ޖެހޭ ކަމާއި، މިކަމަށް މުސާރައިން ބޮޑު ބައެއް ހޭދަ ކުރަން ޖެހޭކަމެވެ.

 

އަހަރެން ހައިރާންވެ އަންތަރީސް ވެއްޖައިމެވެ. މަޖްލިސް މެމްބަރުން ރައްޔިތުންނަށް ބޭނުންވާ ޤާނޫން ހެދުމުގެ އިތުރުން ރައްޔިތުންނަށް ކޮށްދޭން ޖެހެނީ ކޮން ކަމެއްބާވައެވެ؟ މިއީ ޤާނޫން ހަދާ މަޖްލިހެވެ. މިއަދާ ހަމަޔަށް މި މަޖްލިހުގައި ނުނިންމި ފުނިޖެހިފައިވާ ރައްޔިތުންނަށް ބޭނުންވާ ޤަނޫންތަކުގެ ތަފްސީލަށް ދިއުމަކީ މި މަޒްމޫނުގެ އަމާޒެއް ނޫނެވެ.

 

ދެހާސް އަށް ވަނަ އަހަރު އާ ޤާނޫން އަސާސީގެ ދަށުން ބޭއްވި އިންތިޚާބަށް ފަހު އިންތިޚާބު ކުރެވުނު ރައީސުލްޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ ދިވެހީން ދުވަހަކު ނުދެކޭ ފަދަ އިޖްތިމާއީ އިނގިލާބީ ބަދަލެއް ގެނެސްފައެވެ.

 

މީގެ ތެރޭގައި، ހިލޭ ބޭސްފަރުވާ ކުރުން، ފޮތްލިސްޓު ހިލޭ ލިބުން، އެކަނިވެރި މައިންނަށް އެލަވަންސެއް ދިނުން، ދުވަސްވީ މީހުންނަށް ޕެންޝަންއެއް ދިނުން، ބޯހިޔާވަހިކަމުގެ ގިނަގުނަ މަޝްރޫޢު ފެށުން ހިމެނެއެވެ. އަދި މިކަން ކުރުމަށް ޓެކްސްގެ ނިޒާމެއް ތަޢާރަފް ކުރުން ހިމެނެއެވެ.

 

މި ބަދަލަކީ ރައްޔިތުން އަސާސީ ބޭނުންތަކަށް އެއްވެސް ފަރާތަކަށް ސަލާންޖަހަން ދިއުން ހުއްޓުމެވެ. އަދި ތާހިރު ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސް ކޮށްދިނުމެވެ. މިކަމަކީ ދުނިޔޭގެ ނިސްބަތުން ވެސް މަދު ޤައުމަކަށް މެނުވީ ހާސިލް ކުރެވިފައިވާ ކަމެއް ނޫނެވެ. ދިވެހި ރާއްޖެއަކީ 5 ލައްކަ މީހުންގެ އާބާދީ ހަމަނުވާ ޤައުމެކެވެ.

 

ބަދަލު ވާ ވަގުތާ އެކު ކުރިއަށް ފިޔަވަޅު އެޅުމަކީ އިންސާނީ ފިތުރަތުގައިވާ ކަމަކަށްވާ ހިނދު، އަހަރެމެން މި މަގުން ފަހަތަށް ދަތުރު މި ފެށީ ކީއްވެ ހެއްޔެވެ؟

 

ވަޤުތާ ހާލަތާ އެކު ދެ ކަމަކަށް އިޙްތިރާމް ކުރަން ލާޒިމެވެ. އެއީ އެވަގުތާއި އެހާލަތާއި، އަދި އެވަގުތުގައި، ދިރިއުޅޭމީހުންގެ ހާލަތެވެ. މިއިން އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް ކުރިއަށް ދިއުމަކީ މުސްތަޤްބަލެއް ނެތް ކަމެކެވެ. ތިމާގެ އަޚްލާގީ ވުޖޫދުގެ މައްޗަށް މާއްދީ ވުޖޫދު ވެރިވިޔަ ނުދޭށެވެ. އަހަރެންނާއި އަހަރެންގެ މުސާރަ "އަހަރެމެންގެ މުސާރަ" އަށް ބަދަލު ކުރާށެވެ.

No comments:

Post a Comment