I condemn hypocrisy in all its forms - މުނާފިގުކަމުގެ ހުރިހާ ސިފައެއް އަހަރެން ކުށްވެރިކުރަމެވެ

Monday, September 25, 2023

ހަސަން އީވާން ނަސީމުގެ މަރު، މާފުށި ޖަލުގެ ގައިދީންގެ ގަޔަށް ބަޑިޖެހުމަށް 20 އަހަރުވުން އަދި ސިޔާސީ ވާހަކަ

 



1)     އީވާނަށް އަނިޔާ ކޮށް މަރާލި ހާދިސާ އާ ގުޅޭ ގޮތުން ރައީސް މައުމޫންގެ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓް ޑައުންލޯޑް ކޮށްލުމަށް މި ލިންކަށް ފިތާލާ (މިއީ ދިވެހި ބަހުން ލިޔެފައިވާ ޕީ.ޑީއެފް. ފައިލެއް)

2)     މާފުށި ޖަލުގައި ބަޑި ޖަހާ ގައިދީންތަކެއް މަރާލި ހާދިސާ އާ ގުޅޭ ގޮތުން ރައީސް މައުމޫންގެ ރިޔާސީ ކޮމިޝަންނުން ކުރި ތަހުގީގުގެ ރިޕޯޓް ޑައުންލޯޑް ކޮށްލުމަށް މި ލިންކަށް ފިތާލާ (މިއީ ދިވެހިބަހުން ލިޔެފައިވާ ޕީ.ޑީ.އެފް. ފައިލެއް)

3)     އީވާނަށް އަނިޔާ ކޮށް މަރާލި ހާދިސާ އާ ގުޅޭ ގޮތުން ރައީސް މައުމޫންގެ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓް ޑައުންލޯޑް ކޮށްލުމަށް މި ލިންކަށް ފިތާލާ (މިއީ އިނގިރޭސި ބަހުންލިޔެފައިވާ ޕީ.ޑީ.އެފް. ފައިލެއް)

 

+++

 

ލިޔުނީ: ނައީމް އިބްރާހީމް (ނައިމްބެ)

 

މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހަކީ މި ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ސިޔާސީ މިސްރާބު ބަދަލުކޮށްލި އެންމެ ބޮޑު ހާދިސާއަށް ވިހި އަހަރު ފުރުނު ދުވަހެވެ.

 

ވިހި ސެޕްޓެމްބަރ 2003 ވަނަ ދުވަހު މާފުށީ ޖަލުގައި ގައިދީ ހަސަން އީވާން ނަސީމަށް 12 އޮފިސަރުން ކުރި ރަހުމުކުޑަ އަނިޔާތަކަށް ފަހު އޭނާ މަރުވިއެވެ. ޖެހިގެންއައި ދުވަހު ގައިދީންނަށް އެޚަބަރު ލިބުމުން ޖަލުގައި އެމީހުން ފެށި ހަޅުތާލާއި ހަމަނުޖެހުމުގެ ތެރޭގައި ދިވެހި ސިފައިން ބަޑިޖެހުމުގެ ސަބަބުން 20 މީހެއްގެ ގަޔަށް ވަޒަން އެރިއެވެ. އޭގެ ތެރެއިން 15 މީހުންގެ ގަޔަށް ކަކުލުން މަށްޗަށް އަދި 9 މީހެއްގެ ގަޔަށް ސީދާ ފުރަގަހުން ވަޒަން އެރިއެވެ. 

 

ތާރީޚު ދިރާސާކުރާ މީހުން ބައެއް ގައުމު ތަކުގައި ހިނގާފައިވާ މިފަދަ ހާދިސާތައް ސިފަކޮށްފައި ހުންނަނީ އެ ފަދަ ބައެއް މަރު ތަކަކީ އެ ޤައުމުތަކުގެ ތާރީޚު ބަދަލުކޮށްލި މަރުތަކެއްގެ ގޮތުގައެވެ.

 

ޖޫލިއަސް ސީޒާ މަރާލުމާއި އެކު އޭރުގެ ދުނިޔޭގެ ބޮޑު ބާރު ކަމުގައިވާ ރޯމަނުންގެ ތާރީޚީ މިސްރާބު ބަދަލުކޮށްލިއެވެ.

 

އިސްލާމީ ތާރީޚުގެ ދެވަނަ ފިތުނައިގައި ކީރިތި ރަސޫލާގެ ކާފަދަރިކަލުން ޙުސައިންގެފާނު ޝަހީދުކޮށް ޚަންޖަރެއްގެ ކޮޅަށް އެކަލޭގެފާނުގެ އިސްތަށިފުޅު ޖަހައިގެން ޔަޒީދުގެ ކުރިމައްޗަށް ގެންދިޔަ ހާދިސާއަކީ އިސްލާމީ ތާރީޚު ބަދަލު ކޮށްލި އެންމެ މުހިންމު އެއް ހާދިސާއެވެ.

 

ނަވާރަ ސަތޭކަ ސާދަ ވަނަ އަހަރު ސަރަޔޭވޯގައި އޮސްޓްރޯ-ހަނގޭރިއަން އެމްޕަޔަރުގެ ވަލީއަހުދު އާރކްޑިޔުކު ފްރާންޒް ފާރޑިނަންޑް މަރާލި ހާދިސާއަކީ މުޅި ދުނިޔެ ބަދަލު ކޮށްލި ފުރަތަމަ ބޮޑު ހަނގުރާމައިގެ ފެށުމެވެ.

 

މާރޓިން ލޫދަރ ކިންގް ޖޫނިއާރ މަރާލުން ވެގެންދިޔައީ އެމެރިކާ އަދި މުޅި ދުނިޔޭގައިވެސް ނަސްލީ ތަފާތުތައް ނައްތާލަން ކުރެވުނު މަސައްކަތުގެ އެންމެ މުހިއްމު ހާދިސާއަށެވެ.

 

 މިދިޔަ އަހަރު އީރާނުގެ ހަރުކަށި ސިފައިން އަނިޔާކޮށް މަރާލި މަހްސާ އަމީނީގެ ޒިކުރާ މިހާރު ވެފައިވަނީ އީރާން ބަދަލު ކޮށްލުމަށް ކުރާ މަސައްކަތުގެ މައި ތަނބަކަށެވެ.  

 

މިފަދަ މަރުތަކުގެ ޒިކުރާ އާކޮށް އެ ހާދިސާތައް ކޮންމެ އަހަރަކުވެސް ފާހަގަ ކުރެއެވެ. ލިޔުންތެރިން އެކަންކަމާ ބެހޭ ގޮތުން ލިޔުންތައް ލިޔެއެވެ. ޑޮކިޔުމެންޓަރީ ތަކާއި ފިލްމުތައް ހަދައެވެ.

 

އެފަދަ ހާދިސާތަކުގެ ޒިކުރާ އާ ކުރަނީ އެގައުމުތަކުގެ، ދީންތަކުގެ، ނުވަތަ ފިކުރުތަކުގެ ދިރުންކަމުގައި އެފަދަ ހާދިސާތައް ހިމެނިފައިވާތީއެވެ.

 

މިކަމާއި ވިސްނާލުމުން އަހަރެންގެ ހިތަށްއެރީ މިރާއްޖޭގައި މިހާރު ދިރިތިބި ޖީލުގެ މީހުންގެ ފިކުރު ބައްޓަން ކުރެވެމުން މިދަނީ ކޮންކަމެއްގެ މައްޗަށް ބާވައެވެ.

 

ޤައުމެއްގެ، މުޖްތަމައެއްގެ ނުވަތަ ފިކުރެއްގެ ދިރުން ބިނާވަނީ އެބަޔަކު ވިސްނައި، ވާހަކަ ދައްކައި، ޚިޔާލު ބަދަލުކޮށް ހަދާ ކަމެއްގެ މައްޗަށެވެ.

 

މި ދިޔަ ފަނަރަ، ވިއްސަކަށް އަހަރު ދިވެހިންގެ ޓީވީތަކާއި، ކޮފީ މޭޒުތަކާއި، ސޯޝަލް މީޑީއާ އާއި ފެންޑާތަކުގައި ކެނޑި ނޭޅި ދެއްކީ 'ސިޔާސީ' ވާހަކައެވެ. ފަނަރަ ވިހި އަހަރު މިފަދަ 'ސިޔާސީ' ވާހަކަ ދެކެވުނުއިރު އެވާހަކަތަކުގައި ކޮންމެވެސް ބުރަދަނެއްހުރި މަޝްހޫރު ވިސްނުންތެރިންގެ ނަންތަކާއި ޚިޔާލުތައް ހިމެނިފައިވާނެތާއެވެ. ނޫނެކެވެ. އެހެނެއްނޫނެވެ.

 

މިރާއްޖޭގައި ދެކެވުނު ސިޔާސީ ވާހަކައެއްގައި އަފްލާތޫނު، ސުޤްރާތު، ނުވަތަ އަރިސްތޫގެ ވާހަކައެއް އިވުނުހެއްޔެވެ؟ ނޫހަކުން ވެސް ނިކޮލޯ މަކިއަވެލި، ކާލް މާކްސް، ޖޯޖް އޯރވެލް ކަހަލަ ލިޔުންތެރިއެއްގެ ޚިޔާލަކަށް ރިއާޔަތްކޮށް ލިޔެފައި އޮތް ލިޔުމެއް ދުށިންހެއްޔެވެ؟

 

މިޤައުމުގެ އިލްމުވެރިން ދައްކަވާ ސިޔާސީ ވާހަކައެއްގައި އިބްނި ސީނާ، އިބްނުލް ޢަރަބީ، އަލްޣަޒާލީ، އިބްނު ރުޝްދު، އިބްނި ޚަލްދޫން ފަދަ މުސްލިމުންގެ ރަންޒަމާނުގެ އިލްމު ވެރިންނާއި ފަލްސަފާ ވެރިންނާއި ސިޔާސީ މުދައްބިރުންގެ ވާހަކަތަކެއް ކިޔައި ދެއްވިހެއްޔެވެ؟

 

މިރާއްޖޭގެ ޓީވީ އަކުން ދުވަހަކުވެސް ލޮކް، ހޮބްސް، ނުވަތަ ރޫސޯގެ ޚިޔާލެއް އިވުނުހެއްޔެވެ؟

 

މިބުނި އެއްވެސް ނަމެއް ނަންނުގަނެ ވިހި އަހަރު ވަންދެން ޓީވީތަކާއި ކޮފީ މޭޒުތަކުގައި މި ދެއްކީ  ދެން ކޮން 'ސީޔާސީ' ވާހަކަތަކެއް ހެއްޔެވެ؟ މިބުނި ނަންތަކާ ނުލާ ދެއްކޭނެ ހަގީގީ 'ސިޔާސީ' ވާހަކައެއް އޮވެދާނެ ބާވައެވެ؟

 

ވިހި އަހަރުގެ ސިޔާސީ ވާހަކަތައް މި ބިނާ ކުރެވުނީ ކޮންމެ ދުވަހަކު ހޭލައިގެން ނޫސްތައް ބަލާލާއިރު އޮންނަ ސިޔާސީ 'ބޮޑު' ޚަބަރަކަށެވެ. އެވެނި ބޭފުޅަކު މިވެނި ބޭފުޅަކަށް ތާއީދު ކުރައްވައިފި ނުވަތަ އެވެނި ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ކަހަލަ 'ބޮޑު' ޚަބަރަކަށެވެ.

 

މަޖްލިހުގެ ޖަލްސާއެއްގައި، ކޭބަލް ކާރު އަޅާ ދާއިރާގެ މެމްބަރު އެއްނޭވާއިން މިއަދު ގޮއްވެވީ ކިހާ އަވަގުރާނައެއްތޯ ބަލާ، އެކަމާ ހީ މަޖާ ކުރާ ސިޔާސީ ވާހަކައެވެ. އެމަނިކުފާނު މަޖްލިސް ދޮރުމަތީ ބޮއްތާލައްވައިގެން އޮންނެވި ވީޑިއޯ ނުވަތަ އަވަގުރާނަ ގޮވާ ވީޑިއޯ އެކަކު އަނެކަކަށް ވައިބާއިން ފޮނުވުމުގައެވެ.

 

މެކްބުކަކާއި ކާއްޓެއް ހިއްޕަވައިގެން ޓޫރިޒަމް ޕްރޮމޯޓް ކުރަން ކުރިން އިންނެވި ވަޒީރު ވައިކުޑައިގައި ދެން ތިރިކޮށް ލައްވާނީ ކޮން ސިޔާސީ ޕާޓީއެއްގެ ފުރާޅު މައްޗަށްތޯ ކުރެވޭ އިންތިޒާރުގައެވެ.

 

ގައިދީ އީވާން އަށް އަނިޔާކޮށް މަރާލި ހާދިސާ އާއި ދިވެހި ސިފައިން ބަޑިޖެހުމުގެ ސަބަބުން 20 މީހެއްގެ ގަޔަށް ވަޒަން އެރި ހާދިސާ އަކީ އަހަރެން ހިތުން މިފަހުގެ ތާރީޚެއްގައި މިރާއްޖޭގެ ތާރީޚު ބަދަލުކޮށްލި އެންމެ މުހިންމު ހާދިސާއެވެ.

 

މި ހާދިސާ އަށް ވިހި އަހަރު ފުރުނު ދުވަހު މިރާއްޖޭގެ ހުރިހާ ނޫސްތަކުން މިކަން ހަނދާން ނައްތާލީ މި ޤައުމުގެ އިޖުމާލީ ވިސްނުމުގައި މިކަމަށް ވުރެ މާ މުހިންމު މާ ގިނަ ކަންތައްތަކެއް ހިނގާތީ ބާވައެވެ؟ ހުރިހާ ޓީވީ ތަކުން ވެސް މިކަމަށް ލޯ މަރާލައިގެން ތިބި ކަހަލައެވެ. ލިޔުންތެރިއެއްގެ ހަވާސާގައި ވެސް މި ވާހަކަ ނެތެވެ.

 

މި ހާދިސާއިން ފައިދާ ނަގައިގެން އެ ބައެއްގެ ސިޔާސީ ހަޔާތް ކުރި އެރުވި މިހާރު މި ރާއްޖޭގެ އެންމެ ބޮޑެތި ސިޔާސީ ބޭފުޅުން ވެސް މިކަމާ ހަމަ ޗުއްޕު ވެސް ވިދާޅެއް ނުވެއެވެ.

 

ވަރުވަރުން ނަން ހުސްކޮށް ހުރި ކަމިޝަންތަކުންނާއި ސިޔާސީ ޕާޓީއަކުން ވެސް އަނިޔާ ލިބުނު އާއިލާ ތަކުގެ ދިރިތިބި ހިތްތަކަށް ފިނިކަމެއް ލިބޭނެ ފަދަ ބަހެއްހާ ހިސާބު ވެސް ބުނެ ނުލައެވެ.

 

އާއެކެވެ! މުޖްތަމައެއްގެ ވިސްނުން ބިނާވާނީ އެބަޔަކު ވިސްނައި، ވާހަކަ ދައްކައި، ޚިޔާލު ބަދަލުކޮށް ހަދާ ކަމެއްގެ މައްޗަށެވެ. ކޮންމެ ދުވަހަކު ހޭލާއިރު ޤައުމުގައި ހިނގާ 'ބޮޑު' ސިޔާސީ ޚަބަރެއްގެ ގޮތުގައި ޓީވީތަކާއި، ނޫސްތަކާއި، ކޮފީ މޭޒުތަކުގައި މެމްބަރަކު ގޮވާ އަވަގުރާނައިގެ ވާހަކަ ދެކެވޭ ނަމަ ސިޔާސީ ވާހަކައިގެ އިތުރުން މުޅި ޤައުމުގެ ހުރިހާ ވިސްނުމަކާއި ފިކުރެއްގެ ވުޖޫދު ވެސް އޮންނާނީ އަވަގުރާނަ ގޮވުމާއި ހިސާބުގައެވެ.

 

އަހަރެން ހިތަށް އައީ މިރާއްޖެއަށް ކުރިން ކަނޑައަޅާފައި ހުރި އިނގިރޭސި އެމްބެސެޑަރަކު އިނގިރޭސި ޑިމޮކްރަސީ އާއިބެހޭގޮތުން ބުނި ޖުމްލައެކެވެ. މެގްނާ ކާޓާ އިން ފެށިގެން ރިފޯމް އެކްޓަށް އިނގިރޭސިން ކުރިދަތުރަށް 500 އަހަރު ނެގިއެވެ.

 

މިރާއްޖެއަށް ޑިމޮކްރަސީ އައީ ގައިދީ އީވާން މަރާލައި ޖަލުގައި ބަޑިޖެހި ހާދިސާއަށް ފަހު ދެތިންއަހަރަކަށް ދެމިގެންދިޔަ ކޮޅިގަނޑެއްގެ ތެރޭގައެވެ. އެހުރިހާ ކަމެއްގެ ތެރޭގައި އިސްކޮށް އުޅުނު އެންމެން ކަހަލަ ގޮތަށް އަދިވެސް ދުނިޔޭގައިއެބަ ތިއްބެވެ. ނަމަވެސް އެހާދިސާއަށް 20 އަހަރު ފުރުނުއިރު ކަހާތަން ހިރުވައި ވެސް ނުލައެވެ.

No comments:

Post a Comment