Saturday, July 22, 2023

ދޮންތުއްކަލާގެ "ގެއްލުނު ފުރާވަރު" އަދި ޓޮލްސްޓޮއި ގެ "ދަ ޑެތު އޮފް އިވާން އިލިޔިޗް"

 

ލިޔުނީ: ނައީމް އިބްރާހިމް (ނައިމްބެ)

 

ލިޔުންތެރިޔާ ދޮންތުއްކަލާ (މީރުބަހުރުގޭ މުހައްމަދު އިސްމާއިލް ދީދީ)ގެ "ގެއްލުނު ފުރާވަރު" އަކީ ދިވެހި އަދަބިއްޔާތުން ކޮންމެވެސް މިންވަރެއް ދަސްވޭތޯ އަހަރެން ކުރާ މަސައްކަތުގައި އެންމެ ފަހުން ކީ ފޮތެވެ.  

 

ދިވެހި ކޮންމެ ފޮތެއް ކިޔާއިރުވެސް އިނގިރޭސި ބަހުން ފޮތް ކިޔުމުގެ ވަށައިގެން ބޮޑުތަނުން އުފެދިފައިވާ އަހަރެންގެ އުންމީދުތަކުން، ދިވެހި ފޮތް ކިޔުމުގެ ތަޖުރިބާތައް ކޮންމެވެސް މިންވަރަކަށް ޚަރާބުވެފައިވާކަން އަހަންނަށް ވިސްނެއެވެ. ދޮންތުއްކަލާގެ "ގެއްލުނު ފުރާވަރު" ކީއިރު ވީހާވެސް ބޮޑަކަށް އަހަރެން މަސައްކަތް ކުރީ އެ އުންމީދުތަކުން ދުރުހެލިވުމަށެވެ. ދިވެހި ލިއުންތެރިކަން އޭގެ ގޮތުގައި، ބޭރުގެ ލިއުންތެރިންގެ މަސައްކަތްތަކާ އަޅާނުކިޔާ ކުރިޔަށް ދެވޭތޯއެވެ.  

 

"ގެއްލުނު ފުރާވަރު" ގެ ޕްލޮޓަކީ ވަރަށް ގިނަ ވާހަކަތަކާއި ފޮތްތަކުގައި ތަކުރާރުވެފައިވާ، މުދަލާއި، ދުނިޔޭގެ ލައްޒަތާއި، އާރާއި ބާރުގެ ފަހަތުން ދުވާ ޒުވާނާގެ ހިތި ނިމުމުގެ ވާހަކައެވެ.  މެދުފަންތީގެ އާއިލާއެއްގެ ޒުވާން އަންހެންކުއްޖެއް ކަމަށްވާ ވާހަކައިގެ ބަތަލާ ޝަކީލާ ކުރާ ކައިވެނީގެ އެންމެ ބޮޑު ބޭނުމަކީ  އޭނާއާއި އޭނާގެ އާއިލާގެ އިޖުތިމާއީ ހައިސިއްޔަތު އިތުރުކުރުމެވެ. ޝަކީލާގެ އާއިލާއާއި އޭނާއަށް ފެނުނީ އާއިލާގެ ގަދަރާއި، ޝާނާއި ޝައުކަތު އެންމެ އުހަށް ގެންދެވެން އޮތީ މުޅި މާލޭގެ ހުރިހާ ހުސްސަރިބައި އަންހެންކުދިން އެ ޒުވާނަކަށް ހިތްކިޔާ މަށަށް މަށަށް ގޮވަގޮވާތިބި، އެންމެ ގިނަ ބަޔަކު ގަދަރުކުރާ، ތައުލީމީ، އިޖުތިމާއީ ހަރުގަނޑުގެ އެންމެ އުހުގައި ހުރި އަހުމަދު ޖަމާލުއްދީނާއި ޝަކީލާގެ ކައިވެނިވުމުންކަމަށެވެ.

 

އަހުމަދު ޖަމާލުއްދީނާއި ޝަކީލާގެ މުޅި މާލެ ސިއްސުވާލި ބޮޑުކައިވެންޏަށް ފަހު މަދުދުވަސް ކޮޅެއްގެ ތެރޭގައި އޭނާއަށް އެނގޭ ގޮތުގައި އޭނާގެ ފިރިމީހާއަކީ ހަމައެކަނި ޚަރަދު ބޮޑު، ދެއްކުންތެރި ދިރިއުޅުމަކަށް އާދަވެފައިވާ މީހެއްނޫނެވެ. ކައިވެނި ފުރިހަމަ ކުރަން އެއްދާން ކުރަންވެސް ޖަމާލުއްދީނު ބޭނުމެއްނުވެއެވެ. ޖަމާލުއްދީން އޭނާގެ އިސްރާފު ބޮޑު ދިރިއުޅުން ދަމަހައްޓާއިރު ޝަކީލާއަށް ޖެހެނީ ވަގުތު ފާއިތުވަމުންދާ ވަރަކަށް ގޯސްވެ، ވޭނާއި ކެކުޅުން ކުރިމަތިވާ ގޮތްނޭންގޭ ބައްޔެކެވެ. އެތައް ފަރުވާއެއް ކުރި ނަމަވެސް، އޭގެ ދެތިން އަހަރު ފަހުން އޭނާ މަރުވާންދެން ޝަކީލާގެ ހާލަތު ގޯސްވަމުން ދެއެވެ. މިދުވަސްތަކުގައި ޖަމާލުއްދީންގެ އިސްރާފު ބޮޑު ދިރިއުޅުމުން އޭނާ ދަރާވިކި، އާއިލާގެ މުދާ ވިއްކާލަން މަޖުބޫރުވެ، އެންމެ ފަހުން އިޖުތިމާއީ ސިޑީގެ އެންމެ ދަށު ހަރުފަތަށް ވެއްޓެއެވެ.

 

ދިވެހި ފޮތްތަކާއި ބޭރުގެ ލިޔުންތެރިންގެ ލިޔުންތަކާ އަޅާކިޔުމުގެ ނުބައި އާދައެއް އަހަންނަށް މިވަނީ ހިފިފައެވެ. މިފޮތާއެކުވެސް ހަމަ އަޅާ ނުކިޔާނަމޭ ހިތާ ހުއްޓާވެސް އެކަން ކުރަން މިފެށުނީއެވެ. މި ފޮތް ކިޔުމުން ކޮންމެވެސް ސަބަބަކާހުރެ ލިއޯ ޓޮލްސްޓޯއީ ލިޔެފައިވާ "ދަ ޑެތު އޮފް އިވާން އިލިޔިޗް" ގެ މަތިން އަހަރެން ހަނދާންއާވިއެވެ.

 

ޓޮލްސްޓޯއީގެ ވާހަކަ ފެށެނީ އިވާން އިލިޔިޗްގެ އެކުވެރިންނަށް އޭނާގެ ކުއްލި މަރުގެ ޚަބަރު ލިބުމުންނެވެ. އިވާން އިލިޔިޗަކީ ރަޝިޔާގެ މަތީ ފަންތީގެ އޮފިޝަލެކެވެ. ގާނޫނީ ވަކީލެކެވެ. މި ވާހަކައިގައި ކިޔައިދީފައިވަނީ އިވާން އުޅުނު ދިރިއުޅުމާއި އޭނާގެ އެންމެ ފަހުގެ މަރުވުމާއި ހަމައަށް ކަންހިނގާދިޔަ ގޮތުގެ ތަޖުރިބާތަކެވެ. އޭނާގެ ހަޔާތަށް ފުންކޮށް ފިކުރުހިންގާ ވަދެއެވެ. ވާހަކައިގައި އިވާން އިލިޔިޗް ސިފަކޮށްފައިވަނީ މުޖުތަމައުގެ ގިނަމީހުންގެ ހުންނަ ކަހަލަ މާއްދީ އުންމީދުތަކަށް ތަބާވެ، މުއްސަނދިކަމާއި، އާރާއި ބާރާއި، މަތީ އިޖުތިމާއީ މަގާމު ހޯދާ މީހެއްގެ ގޮތުގައެވެ. ފަހުން އޭނާއަށް ޖެހެނީ ގިނަ ފަރުވާތަކެއް ކުރި ނަމަވެސް ވަގުތު ފާއިތުވަމުންދާ ވަރަކަށް ގޯސްވާ، ގޮތްނޭންގޭ ބައްޔެކެވެ.

 

އިވާން އަމިއްލަ މަރާއި ކުރިމަތިލާއިރު، ހަމަ ދޮންތުއްކަލާގެ ބަތަލާ ޝަކީލާއެކޭ އެއްފަދައިން، އޭނާ ވިސްނާލަނީ އޭނާގެ ދިރިއުޅުމުގެ ހުސްކަމާއި، އޭނާގެ މުޅިދިރިއުޅުން ބިނާކުރެވުނު ފަލްސަފާގެ ތިލަކަމަށެވެ. އޭނާ ގަބޫލުކުރި މާއްދީ މުޖުތަމަޢުގެ ނިފާޤުކަމާ ފަހުވަގުތު އޭނާ ކުރިމަތިލަނީ، އޭނާގެ މުއްސަނދިކަމާއި މަޤާމު ހޯދުމަކީ އެއްވެސް މާނައެއް ނެތް އަދި މުޅިން ބޭކާރު ކަމެއް ކަން ވިސްނިގެންނެވެ. އޭނާގެ ވޭނުގައި އޭނާގެ މުޅިހަޔާތާއި، އޭނާގެ ވުޖޫދުގެ މަޤްޞަދާއި، އޭނާ ކުރި އިޚްތިޔާރުތަކާމެދު ވަރަށް ފުން ސުވާލުތަކެއް އުފައްދައެވެ.

 

އިވާން އިލިޗްގެ ވާހަކައާއެކު ޓޮލްސްޓޯއީ އަލިއަޅުވާލާ މައުލޫއު ތަކަކީ އެގްޒިސްޓިއަލިޒަމް(ވުޖޫދިއްޔަތު)، މަރު، އަދި ދިރިއުޅުމުގެ މާނަ ހޯދުމުގެ މައުޟޫއުތަކެވެ. ޝަކީލާގެ ހަޔާތުގެ ދަތުރުގެ ތެރެއިން ދޮންތުއްކަލާ ވެސް އޭނާގެ ކިޔުންތެރިންނަށް މަޖުބޫރު ކުރުވަނީ މުދާވެރިކަމާއި، ދުނިޔޭގެ ޖާހާއި، ފަނާވަނިވި ކަންކަމާ އުޅުމުގެ ހިތިކަމާއި، އަމިއްލަ ނަފްސަށް ތެދުވެރި ދިރިއުޅުމެއް އުޅުމުގެ މުހިންމުކަމާ މެދު ވިސްނާލުމަށެވެ. މި ދެ ލިޔުންތެރިން އެއްގޮތް މައުލޫއު ތަކެއް ފެނުމަކީ އަހަރެން ޝައުގުވެރިވި ކަމެކެވެ. މި ދެ ވާހަކައަކީ ވެސް މުޖުތަމައުގައި ވަކި ހިއްޕާލާފައިވާ މާއްދީ، އިޖުތިމާއީ އުސޫލުތަކާއި އަގުތަކަށް ފާޑުކިޔުންތަކެއްކަމަށް އަހަރެންނަށް ވިސްނުނެވެ.  އަމިއްލަ ނަފްސަށް ވިސްނާލުމުގެ މުހިންމުކަމާއި، ތިމާގެ ހަގީގީ ނަފްސުގެ އަގުތަކާ އެއްގޮތް ދިރިއުޅުމެއް ބައްޓަން ކުރުމުގެ މުހިންމުކަން ދެ ވާހަކައިންވެސް ފެނެއެވެ. އެހެންނަމަވެސް  އަދަބިއްޔާތުގެ ދުނިޔޭގައި ޓޮލްސްޓޯއީގެ މަގާމު އޮތްހިސާބުން އޭނާގެ މަސައްކަތަކާއި ދޮންތުއްކަލާގެ ގެއްލުނުފުރާވަރާއި އަޅާކިޔުމަކީ ރެއްސަކާއި ފެހުރިއްސެއްގެ ސައިޒު އަޅާކިޔުންފަދަ ކަމެއްކަން އަހަންނަށްވެސް ވިސްނެއެވެ. އެކަމަކު އެއީ ހަމަ ވާހަކަ ކިޔުމާއި އޭގެ މީޒާނުގައި އެކި ލިޔުންތެރިންގެ މަސައްކަތްތައް ވަޒަންކުރުމުގެ އާދައެއް ހުންނާތީ ކޮށްލާ ހިތްވާ ކަމެއްވީމާ ކުރެވެނީއެވެ. އަހަރެން ދެން ކިޔަންވީ ދިވެހި ކޮންފޮތެއް ކަމާއި މެދު މިވިސްނަނީ އެވެ. ޚިޔާލެއް ދީބަލާށެވެ.

 

No comments:

Post a Comment